ކުޅިވަރު

ގައުމީ ވޮލީ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ވެމްކޯ ހޯދައިފި

ގައުމީ ވޮލީ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގެ ފަހު ޖާގަ ކްލަބް ވެމްކޯ ހޯދައިފި އެވެ. ވެމްކޯ ފައިނަލުގެ ޖާގަ ކަށަވަރުކުރީ މިރޭ ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ކުޅުނު ސެމީ ފައިނަލް މެޗުގައި ކްލަބް އީގަލްސް ތިން ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ.

ފައިނަލުގައި ވެމްކޯ ނުކުންނާނީ ލީގު ބުރުގެ އެއްވަނަ ހޯދި ކްލަބް ވޮލީބޯލްއާ ދެކޮޅަށެވެ. ފައިނަލުގެ ސީދާ ޖާގައެއް ކްލަބް ވޮލީބޯލް އިން ހޯދިއިރު އެޓީމު ވަނީ ލީގު ބުރުގައި ވެމްކޯ އާއި ޕޮލިސް ކްލަބް ބަލިކޮށްފަ އެވެ. ބަލިވީ ކްލަބް އީގަލްސް އަތުންނެވެ.

ސެމީގައި ވެމްކޯ ވާދަކުރީ ލީގު ބުރުގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ވެމްކޯ އިން އީގަލްސް އާއި ޕޮލިސް ބަލިކުރިއިރު ކްލަބް ވޮލީބޯލް އަތުން ވަނީ ބަލިވެފަ އެވެ. ލީގު ބުރުގެ ތިންވަނަ ހޯދައިގެން އީގަލްސް ސެމީގައި ވާދަކުރީ ކްލަބް ވޮލީބޯލް އާއި ޕޮލިސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ހަތަރު ޓީމު ވާދަކުރި ލީގު ބުރުގެ ފުލަށް ދިޔައީ 2019 ވަނަ އަހަރުގެ ޗެމްޕިއަން ޕޮލިސް ކްލަބެވެ.

މެޗުގެ ފުރަތަމަ ސެޓު ވެމްކޯ ވަނީ ފަސޭހަކަމާ އެކު 15-25 އިން ކާމިޔާބުކޮށްފަ އެވެ. އެކަމަކު ދެވަނަ ސެޓުގައި ކުޅުން ރަނގަޅުކޮށް އީގަލްސް ވަނީ 25-19 އިން މޮޅުވެފަ އެވެ.

ދެވަނަ ސެޓު ކާމިޔާބުކުރި ނަމަވެސް ތިންވަނަ ސެޓުގައި އީގަލްސް އަށް އެ ރޫހުގައި ކުޅެވޭގޮތެއްނުވި އެވެ. މި ސެޓު ވެމްކޯއިން ގެންދިޔައީ 20-25 އިންނެވެ.

ފަހު ސެޓު ފަށައިގެން ނިމެންދެން ވެމްކޯ އޮތީ ލީޑުގަ އެވެ. މި ސެޓު ފަށައިގެން ވެމްކޯ އިން ބޮޑު ފަރަގެއް ހޯދުމާ އެކު އީގަލްސް އަށް މެޗު ތެރެއަށް އަނބުރާ އަންނަން އުނދަގޫވި އެވެ. އެކަމަކު ސެޓުގެ ފަހުކޮޅު ހިތްވަރުކޮށް ފަރަގު ކުޑަކުރި އެވެ. މި ސެޓުގައި އީގަލްސްގެ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނުނުއިރު ގިނަ ގޯސްތަކެއް ހެދި އެވެ. ވެމްކޯ އިން މި ސެޓު ކާމިޔާބުކުރީ 19-25 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވެމްކޯ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ބިދޭސީ ކުޅުންތެރިޔާ ޕްރަތިބާ މާލީ އެވެ.

ވެމްކޯ އާއި ކްލަބް ވޮލީބޯލް ވާދަކުރާ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރެ އެވެ.