ރާއްޖެ ކުޅިވަރު

ވިކްޓަރީން ބޯޑު ބަދަލުކުރީ ތައްޓަށް ވާދަކުރުމުގެ މަސައްކަތް ފަށަން

ހިންގާ ބޯޑުގެ މުއްދަތު ހަމަވުމުގެ ކުރިން ވިކްޓަރީގެ އިންތިހާބު ބާއްވައި އާބޯޑެއް އިންތިހާބު ކުރީ ވިކްޓަރީ އަކީ އަނެއްކާ ވެސް ތައްޓަށް ވާދަކުރާ ކުލަބަކަށް ހެދުމަށްޓަކައި ކަމަށް އެކުލަބުން ބުނެފި އެވެ.

"ވިކްޓަރީ އަކީ އެންމެ ފަހަތުގައި އޮންނަން ޖެހޭ ކުލަބެއްނޫން. ވިކްޓަރީ އަކީ ރާއްޖޭގެ ކުޅިވަރުގެ އެންމެ ތާރީހީ ކުލަބު. ވިކްޓަރީ ކާމިޔާބު ހޯދަންޏާ ވިކްޓަރީ ވިކްޓަރީއަށް ވާނީ. އެއުއްމީދުގައި ކުލަބުގެ ބޯޑު ބަދަލު ކުރީ،" އާ ހިންގާ ކޮމިޓީގެ އިސް އޮފިޝަލަކު ބުންޏެވެ.

ރޭ އިންތިހާބު ކުރި ވިކްޓަރީގެ ޗެއާމަނަކީ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އަދި ބައިބަލާ އެސޯސިއޭޝަންގެ ރައީސް އަހުމަދު އަސްއަދެވެ. ވައިސް ޗެއާމަނަކީ އެންމެ ފަހުން އޮތް ބޯޑުގެ ޗެއާމަން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބުދުލް މުހުސިން ހަމީދު (ޖޭފޯ) އާއި މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބުދުﷲ މައުމޫން (މާނު) އެވެ.

ބޯޑުގައި ދެން ހިމެނެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭބޭފުޅު އަހުމަދު ނާޝިދާއި ވިކްޓަރީގެ ވޮލީ ޓީމުގެ ކުރީގެ ކޯޗު ތަރި މުހައްމަދު އަނީސް އާއި ފުޓްބޯޅަ ޓީމަށް ކުރިން ކުޅުނު ދެބެން ކަމަށްވާ އިބްރާހީމް ރިޔާޒް (ގާނާ) އާއި އިބްރާހީމް ސިނާޒްގެ އިތުރުން ދިރާގުގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ އާއި ޔޫތު މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު އަދި މޯލްޑިވްސް ރޯޑް ކޯޕަރޭޝަނުގެ އިބްރާހީމް ނަޒީމް އާއި އަހުމަދު ނާސިފެވެ.

ވިކްޓަރީން އާ ބޯޑު އިންތިހާބުކުރިއިރު އެކުލަބަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ 2013 ވަނަ އަހަރު ގެނައި ސްލޮވާކިޔާގެ ކޯޗު ވަލްޑަމީރު ގޮފާ އަށް ދޭން ޖެހޭ ތިންލައްކައެއްހާ ރުފިޔާގެ މައްސަލަ އެވެ. މި މައްސަލަ އޭނާ ފީފާ އަށް ފޮނުވުމުން ވިކްޓަރީ އަށް ފައިސާ ދައްކަން ދިން މުއްދަތުވެސް ވަނީ ހަމަވެފަ އެވެ.

އާ އަހަރުގެ ފުޓްބޯޅަ ސީޒަނަށް ވިކްޓަރީ ނުކުންނައިރު ޓީމު ވަނީ ކުރިއަށްވުރެ ނިކަމެތިވެފަ އެވެ. ބައެއް މުހިންމު ކުޅުންތެރިން އެހެން ކުލަބުތަކާ ގުޅިފައިވާއިރު ހުނަރުވެރި ޒުވާން ކުޅުންތެރިންނާއެކު ކޯޗެއްގެ ގޮތުން ޓީމު ގޮވައިގެން ނުކުންނާނީ ކުރީގެ މިޑްފީލްޑަރު މުހައްމަދު ނަޒީހު އެވެ.