އެމްޑަބްލިއުއެސްސީ

މަތިވެރީގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ 80 ޕަސަންޓް މަސައްކަތްނިމިއްޖެ

Jan 26, 2023

އެމްޑަބްލިއުއެސްސީ އިން އއ. މަތިވެރީގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މުޅި މަޝްރޫއުގެ 80 ޕަސަންޓް މަސައްކަތް ނިމިއްޖެ އެވެ.

މިގޮތުން ފެނުގެ ނިޒާމުގައި ހިމެނޭ 6.7 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ މަސައްކަތާއި، ބޯހޯލް ތޮރުފުމުގެ މަސައްކަތާއި، ފެން ރައްކާކުރުމަށްޓަކައި ދެ ތާންގީ ބެހެއްޓުމުގެ މަސައްކަތާއި، ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތާއި އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތްތައް މިހާރު ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްތަކުގެ ބޮޑު ބައެެއްވެސް މިހާރު ވަނީ ނިންމާފަ އެވެ. އަދި ފެން ތަހްލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށްވެސް މިހާރު ވަނީ ހަމަޖެހިފަ އެވެ.

މަތިވެރީގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މިމަޝްރޫއުގެ އަގަކީ ޖުމްލަ 38.83 މިލިއަން ދިވެހި ރުފިޔާ އެވެ. މިމަޝްރޫއުގެ މަސައްކަތް ނިމުމުން މަތިވެރީގެ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެމްޑަބްލިއުއެސްސީ އިން ދެއެވެ.