ފެނަކަ ކޯޕްރޭޝަން

ތިނަދޫ އިންޖީނުގޭގައި ރޯވުމުން 22 މިލިއަން ރުފިޔާގެ ގެއްލުންވި: ފެނަކަ

ގދ. ތިނަދޫގެ އިންޖީނުގޭގައި ރޭ އަލިފާން ރޯވެ ލިބުނު ގެއްލުން ގާތްގަނޑަކަށް 22 މިލިއަނަށް އަރާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ. ރޭ ދަންވަރު ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެރަށުގެ ކަރަންޓްގެ ހިދުމަތް ވަނީ ކެނޑިފައެވެ. އޭގެ ސަބަބުން ހޮސްޕިޓަލުތަކުގައި އުޅޭ މީހުންނަށާއި އަދި އާމުރައްޔިތުންނަށް ވަނީ ބޮޑެތި ދަތިތަކާއި ކުރިމަތި ލާން ޖެހިފައެވެ.

އެހާދިސާއާއި ގުޅެގެން މިއަދު ފެނަކަ އިން ބޭއްވި ޕްރެސް ކޮންފަރަންސްގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ އަލިފާނުގައި އެރަށު އިންޖީނުގެ ވަނީ އިތުރަށް ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައި ކަމަށާއި އެާއެކު 1،000 ކޭވީ އާއި 720 އަދި 600 ކޭވީގެ ތިން ޖަނެރޭޓަރު ވެސް ބޭނުން ނުކުރެވޭ ވަރަށް އަނދައިފައިވާ ކަމަށެވެ. އަދި މިހާދިސާގައި ލިބުނު ގެއްލުމުގެ އަދަދު ގާތްގަނޑަކަށް 22 މިލިއަނަށް އަރާ ކަމަށެވެ.

ތިނަދޫ އިންޖީނުގޭގައި މަސައްކަތް ކުރާ މުވައްޒިފުންނާއި ހަވާލާދީ ނިމާލް ވިދާޅުވީ އަލިފާންރޯވި ގުދަނަކީ އަލިފާން ރޯވާ ޒާތުގެ ތަކެތި ހުރިތަނަކަށް ނުވާއިރު އަލިފާން ރޯވީ އިންޖީނު ތެރޭގައި ޖެހުނު މައްސަލައަކުން ނޫން ކަމަށާއި ނަމަވެސް އެކަމާ ގުޅިގެން ވަކި އެއްޗެއް ދެންނެވޭނީ ފުލުހުން ތަހުގީގުކޮށް ނިމުމުން ކަމަށެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން ރަށަށް ކަރަންޓް ދިނުމަށް ފެނަކައިން މިހާރު ދަނީ އެކި ރަށްރަށުން ޖެނަރޭޓަރު ގެންދަމުންނެވެ. އެގޮތުން މީހުން ފޭބި ލ. ގާދޫ އާއި ގއ. މާމެންދޫ އާއި މާލެ އިން ވެސް ޖަނަރޭޓަރު ގެންދެ އެވެ.