ކުޅިވަރު

އޮސްޓްރޭލިއަން އޯޕަން ބެލަރޫސްގެ ސަބަލެންކާ ކާމިޔާބުކޮށްފި

އޮސްޓްރޭލިއަން އޯޕަން އަންހެން ސިންގަލްސް ޗެމްޕިއަންކަން ބެލަރޫސް އަށް ނިސްބަތްވާ އަރީނާ ސަބަލެންކާ ކާމިޔާބުކޮށްފި އެވެ.

ސަބަލެންކާ ޗެމްޕިއަންކަން ހޯދީ އިއްޔެ ކުޅުނު ފައިނަލުގައި ކަޒަކްސްތާނުގެ އެލީނާ ރިބަކީނާއާ ވާދަކޮށްގެންނެވެ. މިއީ 24 އަހަރުގެ ސަބަލެންކާ އަށް ގްރޭންޑް ސްލޭމް މުބާރާތެއްގެ ޗެމްޕިއަންކަން ލިބުނު ފުރަތަމަ ފަހަރެވެ.

މެޗުގެ ފުރަތަމަ ސެޓު ރިބަކީނާ ވަނީ 6-4 އިން ކާމިޔާބުކޮށްފަ އެވެ. އެކަމަކު ސަބަލެންކާ ވަނީ ފަހަތުން އަރައި އަނެއް ދެ ސެޓު ކާމިޔާބުކޮށް ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ. ދެވަނަ ސެޓާއި ތިންވަނަ ސެޓު ސަބަލެންކާ ގެންދިޔައީ 3-6 އަދި 4-6 އިންނެވެ.

އާ ސީޒަން ސަބަލެންކާ ފެށީ ވަރުގަދަކޮށެވެ. ޖެހިޖެހިގެން 10 މޮޅު ހޯދާފައިވާއިރު، މިދިޔަ އަހަރު ކުޅުނު ގްރޭންޑް ސްލޭމް ހަ މެޗުގައި ސަބަލެންކާ މޮޅުވީ ފަހަތުން އަރަ އެވެ.

ރަޝިއާ ޔޫކްރޭން ހަނގުރާމައިގައި ބެލަރޫސް އިން ރަޝިއާ އަށް ތާއީދުކުރާތީ މިފަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ވެސް ބެލަރޫސްގެ ކުޅުންތެރިންނަށް ހުރަސްތައް ކުރިމަތިވި އެވެ. އެގޮތުން މިފަހަރު ސަބަލެންކާ އަށް ވާދަކުރުމުގެ ފުރުސަތު ލިބުނީ ނިއުޓްރަލް ފްލެގެއްގެ ދަށުންނެވެ. ހަނގުރާމައިގެ މައްސަލައިގައި މިދިޔަ އަހަރު ބައެއް މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ވެސް ސަބަލެންކާ އަށް ނުލިބުނެވެ.

އުނދަގޫ ހާލަތަކުން އަރައިގަނެ ޗެމްޕިއަންކަން ލިބުމާ އެކު ސަބަލެންކާ އަށް އުފަލުން ރޮވުނެވެ. ޗެމްޕިއަންކަން ކަށަވަރުވުމާ އެކު ސަބަލެންކާ ކޯޓުގައި އޮށޯވެ އުފަލުން ރުއި މަންޒަރު ފެނުނެވެ. އޭގެފަހުން ރަނަރަޕް ރިބަކީނާއާ ސަލާން ކުރުމަށް ފަހު ސަބަލެންކާ ވަނީ އޭނާގެ ކޯޗިން ޓީމު ކައިރި އަށް ގޮސް އުފާފާޅުކޮށްފަ އެވެ. މެޗަށް ފަހު ދެއްކި ވާހަކައިގައި ސަބަލެންކާ ވަނީ އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކޮށްދިނުމުގައި އޭނާގެ ކޯޗިން ޓީމު ކުރި ބުރަ މަސައްކަތަށް ޝުކުރުއަދާކޮށްފަ އެވެ.

"ކަންތައް ވެދިޔަގޮތް އެނގެން އަހަރެން ދުވަސްކޮޅެއް ބޭނުން. މިވަގުތު އަހަރެން މިހުރީ ބަސް ހުއްޓިފަ. މިއީ ވަރަށް އިމޯޝަނަލް ވަގުތެއް. ކާމިޔާބުކުރެވުނީ ވަރަށް އުނދަގޫ މެޗެއް" މެޗަށް ފަހު އޮސްޓްރޭލިއާގެ ޗެނަލް އަކަށް ދިން އިންޓަވިއުއެއްގައި ސަބަލެންކާ ބުންޏެވެ.

މިފަހަރުގެ ޗެމްޕިއަންކަން ހޯދިއިރު އެންމެ ފަހުން ކުޅުނު ތިން މުބާރާތުގެ ސެމީ ފައިނަލުގައި ސަބަލެންކާ ވަނީ ބަލިވެފަ އެވެ. ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތާ އެކު ސަބަލެންކާ ބުނީ އޭނާ އަށް ކުރިއަށްދާން މިހާރު އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށެވެ.

އޮސްޓްރޭލިއަން އޯޕަންގެ ފިރިހެން ސިންގަލްސް ފައިނަލުގައި މިއަދު ވާދަކުރާނީ ސާބިއާގެ ނޮވަކް ޖޮކޮވިޗް އާއި ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް އެވެ.