ޖޭއެސްސީ

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާ ހިލާފުވި މައްސަލަ ބަލަނީ

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާ ހިލާފަށް އަމަލުކުރިކަމުގެ ތުހުމަތުގައި ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނި ގޮތުގައި އެ ކޮމިޝަނުން ބަލަމުންދަނީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ރައްކާތެރިކަމުގެ އަމުރު ނެރެދިނުމާ ގުޅޭ މައްސަލައެއްގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާ ހިލާފަށް އަލީ އާދަމް އަމަލުކޮށްފައިވާ ތުހުމަތުކުރެވޭ މައްސަލަ އެވެ.

އެ މައްސަލަ ބެލުމަށް ޖޭއެސްސީ އިން ނިންމީ މިމަހުގެ 18 ވަނަ ދުވަހު އެވެ.

މައްސަލަ ބެލުމުގެ ގޮތުން ޖޭއެސްސީ އިން ވަނީ ތަހުގީގު ކޮމިޓީއެއް އެކުލަވާލާފަ އެވެ.

ގާޒީންގެ ސުލޫކީ މައްސަލަތައް ބެލުމަށްފަހު ޖޭއެސްސީން ވަނީ މީގެ ކުރިންވެސް ފިޔަވަޅު އަޅާފަ އެވެ. އެގޮތުން ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި ބައެއް ފަނޑިޔާރުން ބައެއް ކަހަލަ ތަމްރީން ޕްރޮގްރާމުތައް ފުރިހަމަކުރުމަށްވެސް ދަނީ އަންގަމުންނެވެ.

ޖޭއެސްސީން މައްސަލަ ބަލަން ފެށުމުން ބައެއް ފަނޑިޔާރުން ގެންދަވަނީ އިސްތިއުފާވެސް ދެއްވަމުންނެވެ.