ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނިޝާހު އަކީ އިންސާނިއްޔަތުކަމުގެ ލާމަސީލު މިސާލެއް: ރައީސް

Jan 31, 2023

މޫދުގައި ބޮއެ އަޅަން އުޅުމުގެ ތެރޭގައި މަރުވި ރ. އިނގުރައިދޫ، ނިޝާހު އަބްދުލް ޣަފޫރު (18 އ) އަކީ އިންސާނިއްޔަތުކަމުގެ ލާމަސީލު މިސާލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެެއްޖެ އެވެ.

ނިޝާހު އިއްޔެގެ ވަގުތެއްގައި މަރުވެފައިވަނީ އދ. މާފުށިވަރު މޯލްޑިވްސް ރިސޯޓުގައި ބޮއެ އަޅަން މޫދަށް ފައިބައި އުޅުމުގެ ތެރޭގައި ހާލު ދެރަވެގެންނެވެ.

މާފުށިވަރު ރިސޯޓުގެ ޑައިވިން ސެންޓަރުގައި މަސައްކަތް ކުރަމުންދިޔަ ނިޝާހުއަށް ފަރުވާ ދިނުމަށް އދ. މަހިބަދޫ ހޮސްޕިޓަލަށްވެސް ގެންދިޔަ އެވެ. މޫދުން ނަގައިގެން އިއްޔެ ހަވީރު 5:30 ހާއިރު އެ ހޮސްޕިޓަލަށް ގެންދިޔަ ނިޝާހު އަށް ސީޕީއާރް ދީގެން ފުރާނަ ސަލާމަތްކުރުމަށް ޑޮކްޓަރު ގަޑިއެއްހާ އިރު މަސައްކަތް ކުރި ކަމަށް އެނގިފައިވެ އެވެ. ނަމަވެސް އޭނާގެ ފުރާނަ ސަލާމަތްކުރެވޭ ގޮތެއް ނުވި އެވެ.

ނިޝާހްގެ މަރާ ގުޅިގެން ރައީސް ސޯލިހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނިޝާހް އަކީ ހިތްވަރުގަދަކަމާއި އިންސާނިއްޔަތުކަމުގެ ލާމަސީލު މިސާލެއް ކަމަށެވެ.

"އަދި ސްކައުޓް އެސޯސިއޭޝަނަށް ރީތި ނަން ހޯދައިދިން ޒުވާނެއް. އެ މަރުހޫމްގެ ފުރާނައަށް މާތް ﷲ ހެޔޮ ރަޙުމަތް ލައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި،" ރައީސް ވިދާޅުވި އެވެ.

ޑައިވިން ކޯސް ހަދާފައިވާ ނިޝާހް އަކީ ނޮވެމްބަރު 18، 2018ގައި މޫދުގައި ފުރާނައަށް ނުރައްކާވާ ހާލަތުގައި އޮތް ކުއްޖަކު ސަލާމަތް ކުރި ޒުވާނެކެވެ. ނިޝާހްގެ އެ ހިތްވަރު ފާހަގަކުރައްވާ ނޮވެމްބަރު 10، 2019 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިޝާހުއަށް ހާއްސަ އިނާމުވެސް ދެއްވާފަ އެވެ.