ގދ. ތިނަދޫ

ތިނަދޫ އިންޖީނުގޭ މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރޭ: ފުލުހުން

ގދ. ތިނަދޫ އިންޖީނުގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު އަވަސްއަށް ވިދާޅުވީ، އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށާއި އަދި އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. މައްސަލަ ތަހުގީގުކުރަމުން ދަނީ ގދ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުގެ ފުލުހުންނެވެ.

ތިނަދޫ އިންޖީނު ގޭގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު ތިނަދޫ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައިވާއިރު މިހާރު ކުރާ މަސައްކަތުން ތިނަދޫގެ ގެތަކަށް ކަރަންޓު ފޯރުކޮށްދެވޭނީ ހަތަރު ދުވަސް ފަހުން ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

އެރަށަށް ކަރަންޓް ދިނުމަށް ސްޓެލްކޯގައި ހުރި އެއް މެގަވޯޓްގެ ޖެނަރޭޓަރެއް ގެންދިއުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި ލ. ގާދޫ އާއި ގއ. ވިލިނގިލި އަދި މާމެންދޫ އިން ޖަނަރޭޓަރު ތިނަދޫއަށް ގެންދިއުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. ތިނަދޫގައި 4000 އަށްވުރެ ގިނަ މީހުން ދިރިއުޅެ އެވެ.

ތިނަދޫ އިންޖީނުގޭގައި މަސައްކަތް ކުރާ މުވައްޒިފުންނާއި ހަވާލާދީ ފެނަކައިގެ އެމްޑީ މުހައްމަދު ނިމާލް މިއަދު ވިދާޅުވީ އަލިފާންރޯވި ގުދަނަކީ އަލިފާން ރޯވާ ޒާތުގެ ތަކެތި ހުރިތަނަކަށް ނުވާއިރު އަލިފާން ރޯވީ އިންޖީނު ތެރޭގައި ޖެހުނު މައްސަލައަކުން ނޫން ކަމަށާއި ނަމަވެސް އެކަމާ ގުޅިގެން ވަކި އެއްޗެއް ދެންނެވޭނީ ފުލުހުން ތަހުގީގުކޮށް ނިމުމުން ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް މިހާރު ޕޮލިހަށް ވަނީ ހުށަހަޅާފަ އެވެ. ނިމާލު ވިދާޅުވީ، ހާދިސާގެ ހަގީގަތް އެނގޭނީ ތަހުގީގު ނިމުމުން ކަމަށެވެ. އަދި 22 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް ލަފާކުރެވޭއިރު ލިބުނު ގެއްލުމުގެ ފުރިހަމަ ތަފްސީލު އެނގޭނީ އެސެސްޓްމެންޓްތަކެއް ހަދައިގެން ކަމަށެވެ. އިންޖީނުގޭގައި ހުރި ތަކެތީގެ ތެރެއިން ބޭނުންކުރެވޭނެ ތަކެއްޗާއި ނުކުރެވޭނެ ތަކެތި އަދި ނޭނގޭ ކަމަށް ވިދާޅުވި އެވެ.