ރައީސް މުހައްމަދު ނަޝީދު

"ފިކުރެއްގެ ދިރުން" ގޮފިތައް ހެދުމުގެ މަސައްކަތް ބޮޑުފެންވަޅުގޭގައި ފަށައިފި

Feb 1, 2023
3

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީ ތެރޭގައި ހިންގަން ބޭނުންވާ ސިޔާސީ ހަރަކާތުގައި އުފައްދަން ނިންމާފައިވާ "ފިކުރެއްގެ ދިރުން" ގޮފިތައް ހެދުމުގެ އިދާރީ މައި މަރުކަޒަކަށް މއ. ބޮޑުފެންވަޅުގެ ހަމަޖައްސައި އެ ތަނުގައި މަސައްކަތް ފަށައިފި އެވެ.

ގޮފި ހެދުމުގެ މަސައްކަތް މިއަދު ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް ބޮޑުފެންވަޅުގޭގައި ކުރިއަށްދާނެ ކަމަށް ނަޝީދުގެ ސަޕޯޓަރުންނަށް މިހާރު ވަނީ އަންގާފަ އެވެ.

ނަޝީދުގެ ސަޕޯޓަރުންނަށް ވަޓްސްއެޕްގައި ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ އެމްޑީޕީއާ އަލަށް ގުޅޭ މެންބަރުންގެ ފޯމު ފުރުމާއި، އެމްޑީޕީގެ އެހެން ގޮފިތަކުން ވަކިވެ "ފިކުރެއްގެ ދިރުން"ގެ ނަމުގައި ހަދާ ގޮފިތަކާ ގުޅެވޭ ގޮތަށް ލިޔުންތައް ވެސް ބޮޑުފެންވަޅުގެއިން ހަމަޖައްސައިދޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ލިބުނު ބޮޑު ނާކާމިޔާބީއަށްފަހު ފުރަތަމަ ފަހަރަށް މީޑިއާއަކަށް ދެއްވި އިންޓަވިއުގައި ރޭ "ދިވެހި ޗެނަލް"ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު "ފިކުރެއްގެ ދިރުން" ގޮފިތައް އެމަނިކުފާނަށް ހެދޭނެ ކަމަށާއި އެ ފުރުސަތުވެސް އޮންނަން ވާނެ ކަމަށެވެ.

މިއިންޓަވިއުގައި ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވީ އެމްޑީޕީ އަކީ އެމަނިކުފާނު އުފެއްދެވި ޕާޓީއަކަށް ވާތީ އިތުރު ޕާޓީއެއް ނުހައްދަވާނެ ކަމަަށެވެ. އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އޮތް ކަމަށް އެއްބަސްވެވަޑައިގެން ނަޝީދު ވިދާޅުވީ ފެކްޝަން އޮތް ނަމަވެސް އެމްޑީޕީ ރޫޅާނުލެވޭނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީ އަކީ ވަރަށް ރަނގަޅަށް ހަދާފައި އޮތް ޕާޓީއެއް. މި ޕާޓީ ފަނޑުވެގެން ނުދާނެ. މި ފިކުރެއް ވެސް ގެއްލުވާނުލެވޭނެ. ރޫޅިގެންވެސް ނުދާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޕްރައިމަރީގެ ނަތީޖާއަށް ފަހު އެމަނިކުފާނު މިހާރު ކުރައްވާ މަސައްކަތަކީ "ފިކުރެއްގެ ދިރުން"ގެ ނަމުގައި ގޮފިތަކެއް ހަދައި 50،000 މީހުން ހަމަކޮށް އަލުން ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަށް ފުރުސަތު ހޯދައިދިނުމުގެ މަސައްކަތް ކަމަށެވެ. މިމަސައްކަތުގެ ތެރެއިން އެމްޑީޕީން ކުރިން ކަނޑާލި ކަމަށް އެމަނިކުފާނު ވިދާޅުވަމުން ގެންދަވާ 39،000 މެންބަރުން އަލުން އެމްޑީޕީއަށް ވެއްދުމުގެ މަސައްކަތް ކުރައްވަމިުން ގެންދަވާ ކަމުގައިވެސް ވިދާޅުވި އެވެ.

"މިގޮތަށް ގޮފިތައް ހެދުމަށްފަހު އެ މީހުން ނިންމާނީ ކޮން ކެންޑިޑޭޓަކަށް ކަން ތާއީދު ކުރަންވީ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ތައުރީފް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ދެ ފެކްޝަން ގެންގުޅެން ވެސް އަދި "ފިކުރެއްގެ ދިރުން" ގޮފި ހިންގޭނެކަން ފައްޔާޒަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"އޭނާ [ފައްޔާޒު] އަށް އެނގެން ޖެހޭނެ ދެ ފެކްޝަން ގެންގުޅެން. އޭނާއަށް އެކަންކުރަން އެނގޭނެވެސް މެ،" ނަޝީދު ވިދާޅުވި އެވެ.