މޯލްޑިވިއަން އައިޑޮލް

ސިޔާސީ ރޯގާއަށް މޯލްޑިވިއަން އައިޑޮލްގެ ޑޯޒް!

  • މިއީ މުސްތަގުބަލަށް ފައިދާކުރާނެ ޝޯއެއް
  • މޯލްޑިވިއަން އައިޑޮލް އިން ގައުމު އެކަތިގަނޑަކަށް
  • ހުނަރު ދައްކާލުމުގެ ފުރުސަތު އެތައް ބަޔަކަށް

ފެންނަ މަންޒަރާއި ދެކެވޭ ވާހަކަތަކާއި އިވޭ އަޑުތަކަށް ބަލައިލާއިރު މިއީ ދިވެހިން ވެކްސިނެއް ނުވަތަ ފަރުވާއެއް ވެސް ބޭނުންވާ "ފީވާއެއް" ނޫނެވެ. ބައެއް މީހުން ބުނަނީ އެއްގޮތަކުން މި ގޮތް މިހާރު މާ ރަނގަޅު ވެސް ކަމަކަށެވެ. ސަބަބަކީ އެތައް އަހަރުތަކެއް ވެގެންދިޔަ އިރު ވެސް ރާއްޖޭގެ "ސިޔާސީ ރޯގާ" އަށް ނުހޯދުނު ހައްލު ނުވަތަ ނުދެވުނު އެންޓިޑޯޒް އެންމެފަހުން ޕީއެސްއެމްގެ ޓީވީއެމް ޗެނަލުން އުފައްދައި ކާމިޔާބުކަމާއެކު ޓެސްޓްކޮށްފި ކަމެވެ.

ސިޔާސީ އެ އެންޓި ޑޯޒަކީ މިދިޔަ ހުކުރު ދުވަހު ޕްރިމިއާކުރި ފްރެންޗައިޒް ރިއަލިޓީ އަދި ސިންގިން ކޮމްޕެޓިޝަން "މޯލްޑިވިއަން އައިޑޮލް" އެވެ. ސިޔާސީ ރޯގާއެއްގައި ޖެހި ދަލާއި ކަރުނައިން ފޯވެފައި ތިބި ހުރިހައި ދިވެހިން ނިކަން ވަރުގަދަ މުނިފޫހިފިލުވުމަކުން ފެންވަރުވައިލީ އެވެ. އެންމެން އެކަތިގަނޑަކަށް ހަދައި އެންމެން އެކައްޗެއް ކިޔައި އެންމެން އުފާކުރާނެ ޕްލެޓްފޯމެއް ގާއިމުކޮށްދިނީ އެވެ.

ފުޓްބޯޅަ އިން ގައުމު އެކަތިގަނޑަކަށް ހަދައިދޭ ވާހަކައަށް ޔަގީނަށް ވެސް ނިމުން އަތުވެއްޖެ އެވެ. މިއަދު މި ރާއްޖޭގެ އެންމެ ބޮޑު ޓްރެންޑަކީ މޯލްޑިވިަން އައިޑޮލް ނުވަތަ އޭގެ އެންޓަޓެއިންމަންޓެވެ. ހުރިހާ ވެސް ޝުކުރެއް ޕީއެސްއެމް އާއި އެތަނުގެ ވެރިންނަށެވެ.

ސޯޝަލް މީޑިއާގައި މި ނޫން ވާހަކައެއް ނެތް!

ގައުމުގެ އަހުލާގު ވަރަށް ބޮޑަށް ހަލާކުކޮށް ފަންނުވެރިކަމަށް އަދި ހުނަރުވެރި ފުރުސަތުތަކަށް ފަސް އަޅައި ފޮރުވި ސިޔާސީ ރޯގާއެއްގެ މައްޗަށް މޯލްޑިވިއަން އައިޑޮލް އާއި އޭގެ "ހަބޭހަށް އެންޓަޓެއިނިން" އެލެމެންޓްތައް ކުރި ހޯދާފައިވާ ވާހަކަ ދައްކާއިރު ސޯޝަލް މީޑިއާގެ ވާނުވާ އަށް ބަލައިލުން ވަރަށް ވެސް މުހިންމެވެ. ސޯޝަލް މީޑިއާގައި ރާއްޖޭގެ އިމަކީ އާންމުކޮށް ރެއާއި ދުވާލު ސިޔާސީ ޒުވާބެއް ކުރިއަށް ދާ ތަނެކެވެ.

ވަކިން ހާއްސަކޮށް ޓްވިޓާގައި ދިވެހިން "އަމިއްލަ" ކޮށްފައިވާ ހިސާބުގައި ވިހުރެނީ މުޅިން ވެސް ސިޔާސީ އެކި ކުލަކުލައިގެ ދިދަތަކެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހަށް ފަހު އެ ޓްރެންޑް އެއްކޮށް ބަދަލުވެއްޖެ އެވެ. މޯލްޑިވިއަން އައިޑޮލްގެ ނުލާއި ހުދުކުލައިގެ ދިދަ އެ ވަނީ އެ މައިދާނުގައި ނަގައި އެހެން ހުރިހާ ސިޔާސީ ދިދަތަކަކުން ކުލަ ވައްޓާލައިފަ އެވެ.

ވަކިން ހާއްސަކޮށް އައިޑޮލް ޝޯއެއްގެ އެޕިސޯޑްތައް ޓީވީއެމް އިން އަދި އައިސް ޓީވީ އިން ދުރަށް ދައްކާ ދެ ރޭ ކަމުގައިވާ ހުކުރު ދުވަހުގެ ރެއާއި ހޮނިހިރު ދުވަހުގެ ރޭ ޝޯގެ އެއްގަޑިއިރާ ދިމާކޮށް ޓްވިޓާ އަށް ފޭސްބުކްގެ ދިވެހި އިމަށް ވެސް މޯލްޑިވިއަން އައިޑޮލް ނޫން ވާހަކައެއް ބަންޑުން ނުވެ އެވެ. ދެން ބަންޑުން ވަނީ އެއަށް އޮއްސާ ތައުރީފެވެ.

"އެންމެފަހުން އެންމެން އެކުގައި އެ އެއްޗަކަށް އިންތިޒާރުކުރާ ފެންވަރުގެ އެއްޗެއް މި ވަނީ ގެނެވިފައި. ޕީއެސްއެމް އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ޓްވިޓާގައި އުފާފާޅުކޮށް މޯލްޑިވިއަން އައިޑޮލް އަށް ތައުރީފު އުކަމުން މީހަކު ބުނެފައިވެ އެވެ.

އެނަކަކު ބުނެފައި ވަނީ "މޯލްޑިވިއަން އައިޑޮލް އިން ގައުމު އުފާކޮށްދޭ" ކަމަށާއި މިއީ "ފަހުގެ ތާރީޚެއްގައި ދިވެހިންނަށް ލިބުނު އެންމެ ބޮޑު އުފާވެރިކަން ކަމަށެވެ."

"މޯލްޑިވިއަން އައިޑޮލް އެންމެ ކަމުދާ އެއް ސަބަބަކީ މި ޝޯގެ ސަބަބުން ދިވެހިންނަށް ދަނީ ކަންކަން ދަސްވަމުން. މިސާލަކަށް މީހަކު ކުރާ ކަމަކަށް ފާޑުކީމަ ނުވަތަ ޖޯކު ޖެހީމަ އޭތި ޕާސަނަލްކޮށް ނެގުމުގެ ބަދަލުގައި ޕޮޒިޓިވްކޮށް ނަގަން ދިވެހިންނަށް މި ޝޯ އިން ދަނީ ފިލާވަޅުތަކެއް ނަގައިދެމުން،" މޯލްޑިވިއަން އައިޑޮލް އިން މުޖުތަމައުގެ އަހުލާގަށް އަދި ވިސްނުމަށް އެދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބުނެ މީހަކު ޓްވީޓްކޮށްފައިވެ އެވެ.

ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ އާންމުންގެ ފެވަރިޓަކަށް މޯލްޑިވިއަން އައިޑޮލް ބަދަލުވެގެން ގޮސްފައިވާއިރު މި ޝޯގެ ބައިވެރިން ވެސް ދަނީ މިހާރު ޓްވިޓާ އާއި ފޭސްބުކްގައި ފޯރި ނަގަމުންނެވެ. މި ހުރިހާ ފޯރިއެއް އެކުވެ "ސިޔާސީ ޓްވިޓާ" އަށް ހިޔަނި އެޅިފައިވާއިރު އެކަން އުފަލެއްގެ ގޮތުގައި ފާހަގަކުރާ މީހުން ވެސް އެބަތިއްބެވެ.

"މިއޮތްހާ ދުވަހު ޓްވިޓާ އަށް ވަދެލީމަ ހީވާނީ ބޮލަށް ސިޔާސީ މޮހޮރު ޖަހާހެން. މިހާރު މި ވަންނަނީ ހިތްހަމަޖައްސާލަން. މޯލްޑިވިއަން އައިޑޮލް އަށް މީހުން ތައުރީފުކުރާ މަންޒަރު ފެނުނީމަ ވެސް ލިބެނީ އުފަލެއް،" މީހަކު ބުންޏެވެ.

20 ގައުމަކުން ޕްރިމިއާ ޝޯ ބެލި!

މިއީ ޔަގީނަށް ވެސް ރާއްޖެ އިން އުފެއްދި ޓީވީ ޝޯއަކަށް ބައިނަލްއަގުވާމީ ސަމާލުކަން އެންމެ ބޮޑަށް ލިބިގެން ދިޔަ ފަހަރެވެ. ރާއްޖެ އިން ބޭރުގައި ތިބި ދިވެހިންނާ އެކު ބޭރުގެ އެތައް ބަޔަކު ވެސް ޝޯ އަށް އިންތިޒާރުކޮށް ޝޯ ބެލި އެވެ. އަދި ޝޯގެ ފުރިހަމަ ކަމަށް ތައުރީފުކޮށްފައި ވެސް ކިޔާފައިވެ އެވެ.

ޕީއެސްއެމްގެ ލައިވް ސްޓްރީމް ބެލި ގައުމުތަކުގެ ތެރޭގައި ސްޕެއިިން އާއި ޖަޕާން އަދި އެމެރިކާ އާއި ޔޫއޭއީ އާއި އޮސްޓްރޭލިއާ އަދި ނެދަލެންޑްސް ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ގިނަ އަދަދަކަށް ދިވެހިން އުޅޭ ސްރީ ލަންކާ އާއި އިންޑިއާ އާއި މެލޭޝިއާގައި ވެސް ޝޯގެ ފޯރި އުޅެނީ ގަދަކޮށެވެ.

މޯލްޑިވިއަން އައިޑޮލްގެ ޝޯތައް ދިވެހިންނާ ހަމަ އަށް އަންނަނީ ވެސް ޔޫރަޕަށް ބުރެއް އެޅުމަށް ފަހު އެވެ. ޔޫކޭގެ ފްރިމެންޓަލް މީޑިއާ އިން ޝޯ ބަލައި ފާސްކުރެ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ޕްރޮޑަކްޝަން ޓީމުން ބުނެފައި ވަނީ ޝޯއާ މެދު ހިތްހަމަނުޖެހޭ ދިވެއްސަކު ނެތް ގޮތަށް ފްރިމެންޓަލް މީޑިއާގައި ވެސް މި ޝޯއާ މެދު ހިތްހަމަނުޖެހޭ މީހަކު ނެތޭ ބުނެވިދާނެ ކަމަށެވެ. ބޭރުގެ ތަޖުރިބާކާރުންގެ ފަރާތުން ޝޯ އަށް ލިބޭ ތަރުހީބު އަދި މާ ބޮޑު ކަމަށްވެ އެވެ.

ފަހުރުވެރި ނުވާންވީ ސަބަބެއް ނެތް!

އައިޑޮލް ޝޯގެ މައި ބެލެނިވެރިޔާ، ޔޫކޭގެ ފްރިމެންޓަލް މީޑިއާގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމާއި މޮނީޓަރިންނާ އެކު މޯލްޑިވިއަން އައިޑޮލް ކުރިއަށް ގެންދިޔަ ނަމަވެސް މިއީ 100 ޕަސެންޓް ދިވެހި އުފެއްދުމެކެވެ. ޕީއެސްއެމްގެ ވެރިން ވިދާޅުވާ ފަދައިން ނަމަ "100 ޕަސެންޓް ދިވެހި މެގަ ޕްރޮޖެކްޓެކެވެ."

މޯލްޑިވިއަން އައިޑޮލްއާ މެދު ފަހުރުވެރިވާން ޖެހޭ އެންމެ ބޮޑު ސަބަބަކީ މިއީ އެވެ. ދުނިޔޭގެ ފެންވަރުގެ ޝޯއެއް، އެ ފްރެންޗައިޒްގެ ނަމަށް ހުތުރުނާރާ ފަދަ ގޮތަކަށް ނުވަތަ ފެންވަރަށް އުނިކަމެއް ނާންނަ ފެންވަރަށް ޓީވީއެމްގެ މުވައްޒަފުން މި ޝޯ ކޮށައި މަށައިފައިވާތީ އެވެ. އަނެއްކޮޅުން އާބާދީގެ ގޮތުން ބަލާއިރު ރާއްޖެ އަކީ އައިޑޮލް ޝޯ މިގޮތަށް އޯގަނައިޒްކޮށް ހޯސްޓްކުރާ އެންމެ ކުޑަ ގައުމު ވެސްމެ އެވެ.

އެއީ ވެސް ވަރަށް ބޮޑު ފަހުރެެކެވެ. ސަބަބަކީ ދުނިޔެ އިން ވެސް މި ޝޯ އާއި މި ޝޯގައި ވާދަކުރާ ދިވެހިންގެ ހުނަރު ނިކަން ގާތުން ބަލާތީ އެވެ.

މީގެ އިތުރުން ފުރުސަތު ނުލިބިފައި ތިބި ދިވެހި އާޓިސްޓުންނަށް ވަކި ހާއްސަކޮށް ލަވަކިޔުންތެރިޔަކަށް ވާން ބޭނުންވެ ފުރުސަތު ނުލިބިފައި ތިބި އެތައް ބަޔަކަށް މި ވަނީ ބައިނަލްއަގުވާމީ ސްޓޭޖަކުން ފުރުސަތު ލިބިފަ އެވެ. މިއުޒީޝަނުންނަށް ނުވަތަ އާޓިސްޓުންނަށް ފުރުސަތެއް ނެތޭ ކިޔައި އުޅުނު އެންމެންގެ އަގަމަތީގައި އެ ވަނީ މަލަން އަޅައިފަ އެވެ.

ހަގީގަތަކީ، މި ޝޯ އަކީ އަދިވެސް ފަހުރާއި ޝަރަފާ ގުޅިފައިވާ ޝޯއެއް ކަމެވެ. އަންނަ އެޕްރީލް މަހު ޝޯ ނިމުމަކަށް އަންނައިރު މޯލްޑިވިއަން އައިޑޮލްގެ ޝަރަފް ލިބިގެން ދާނީ ދިވެހި ލަވަކިޔުންތެރިޔަކަށެވެ. އެކަމަކު އޭނާ ވެގެންދާނީ ހަމައެކަނި ދިވެހިންނަށް ލަވަކިޔައިދޭ ފެންވަރުގެ އާޓިސްޓަަކަށް ނޫނެވެ.

ބައިނަލްއަގުވާމީ ސްޓޭޖަށް އަރައި ހުރިހާ ދިވެހިން ފަހުރުވެރިކޮށްދޭނެ ލަވަކިޔުންތެރިޔަކަށެވެ. މޯލްޑިވިއަން އައިޑޮލްއާ މެދު ފަހުރުވެރި ނުވާންވީ ސަބަބެއް ހަގީގަތުގައި ނެތެވެ.

މިއޮތީ ހަފުތާ ބަންދު އެނބުރިއައިސްފައި!

ޒަމާނުއްސުރެން ފެށިގެން ވެސް ދިވެހިންނަކީ އަހުވަން، އެއްބައިވަންތަ އަދި އެއް ހިތަކުން މަޖާކޮށް އުފާކޮޮށް އުޅުނު ބައެކެވެ. ވަކިން ހާއްސަކޮށް ދިވެހިންގެ ސަގާފަތާއި ދިރިއުޅުމުގެ އުފަލުގައި މިއުޒިކަކީ ބޮޑު ހިއްސާއެއް އަދާކުރި އެއްޗެކެވެ. މިއުޒިކް ކުޅުނު މީހުންނަށާއި ލަވަކިޔައި އުޅުނު ކުޅަދާނަ ފަންނާނުންނަކީ އެއް އިރެއްގައި މި ރާއްޖޭގައި ނިކަން މަތިން އަގުކުރެވި އަގުވަޒަން ވެސް ކުރެވުނު ބައެކެވެ.

ނަމަވެސް ސިޔާސީ ކަޅު ވިލާގަނޑެއްގެ ތެރެއަށް ގައުމު ވެއްޓިގެން ދިޔަ ހިސާބުން ފެށިގެން މިއުޒިކްގެ ފޯރި ވަނީ ސިޔާސީ މިއުޒިކް ޗާޓެއްގެ ދަރަޖަ އަށް ވެއްޓިފަ އެވެ. ސްޓޭޖަށް އަރައި ލަވަކީ ޒުވާނާ ވެސް ލަވައެއް ކިޔައިދިން މަންޒަރު ފެނުނީ ސިޔާސީ ކޮންމެވެސް ފިކުރަކަށެވެ.

އެކަމަކު މިއަދުގެ ހަގީގަތަކީ އާޓިސްޓުންނަށް ނުލިބުނު ފުރުސަތާއި އެމީހުން ބޭނުންވެގެން ގޮވާލި ފުރުސަތު އެންމެފަހުން ލިބިއްޖެކަމެވެ. ކޮންމެ ހަފުތާ ބަންދަކު މިހާރު މޯލްޑިވިއަން އައިޑޮލް މެދުވެރިކޮށް މުޅި ރާއްޖެ އަށް ހިނިތުންވުން ގެނެސްދެމުން އަންނައިރު އެއް ބަޔަކު މި ފޯރިއެއް ނުވަތަ މި އީދެއް ސިފަކުރަނީ އެއް އިރެއްގައި މާލެ އެކަތިގަނޑަކަށް ހެދި "ހަފުތާ ބަންދު" ގެ ޒަމާނީ ޝޯތަކެއްގެ ގޮތުގަ އެވެ.

އޭރު މާލޭގެ އެކި ސަރަހައްދުތަކުގައި ސްޓޭޖު އަޅައިގެން ހަފުތާ ނިންމަން ބޭއްވި ޝޯތަކުގެ ފޯރި އެނބުރި އައުމަކީ ދިވެހި މިއުޒިކަށް އޮތް ހެޔޮ ފާލެކެވެ. ވަޅުޖެހިފައި އޮތް މިއުޒިކް ނުވަތަ އަގުވަޒަން ނުކުރެވުނު އާޓިސްޓުންގެ އަގު ވަޒަންކުރާނެ ޕްލެޓްފޯމެއް އުފެދުނީ އެވެ. ހަމައެކަނި އެއެއް ނޫނެވެ. އިތުރު އެތައް ލަވަކިޔުންތެރިންނާއި މިއުޒީޝަނުންތަކެއް ވެސް އުފަންކުރުވާނެ ޕްލެޓްފޯމެއް އެންމެފަހުން ގާއިމުކުރެވުނީ އެވެ.

ދިވެހި މިއުޒިކާއި ލަވައިގެ ދުނިޔެ އަށް އިރު ނުއޮއްސޭކަން ސާބިތުވީ އެވެ. ލަވަކިޔަން އަދި ލަވައިގެ ޝޯ ބަލަން ދިވެހި ގައުމު ބަނޑުހައިވެފައި އޮތްކަން އެނގިގެން ދިޔައީ އެވެ.