މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމަށް އިތުރު ވަގުތު ދީފި

Feb 1, 2023

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި އެވެ.

ބްރޯޑްކޮމްގެ މެންބަރުންގެ ތެރެއިން މަގާމުގެ މުއްދަތު ހަމަވަނީ މެންބަރު އަމްޖަދު ވަހީދުގެ އެވެ. އެހެންވެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުވާލީ މިމަހުގެ ހަވަނަ ދުވަހަށް މުއްދަތު ހަމަވާ ގޮތަށެވެ.

ރައީސް އޮފީހުން މިއަދު ބުނީ ފެބްރުއަރީ ހަވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށްވާތީ ބްރޯޑްކޮމްގެ މެންބަރު ކަމަށް ހުޅުވާލި މުއްދަތު މިމަހުގެ އަށްވަނަ ދުވަހުގެ މެންދުރު 12:30އަށް އިތުރުކޮށްފައިވާ ކަމަށެވެ.

ބްރޯޑްކޮމްގެ މެންބަރުކަމުން އަހުމަދު ގައިސް ވަނީ މީގެ އިސްތިއުފާ ދެއްވާފަ އެވެ. ގައިސް އިސްތިއުފާ ދެއްވީ ނިމިގެން ދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި އަމަލީގޮތުން ބައިވެރިވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ހޯދުމުގެ މަސައްކަތުގައި އުޅުއްވުމަށެވެ.

ގައިސް އިސްތިއުފާ ދެއްވުމުން ވެސް ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލި އެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަން ކުރާ މީހަކީ އުމުރުން 18 އަހަރުވެފައިވާ ދިވެއްސަކަށް ވާން ޖެހެ އެވެ. އަދި އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިން ކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ ނުވާ މީހަކަށް ވެސް ވާން ޖެހެ އެވެ.

އޭގެ އިތުރުން ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަން ކުރެވޭ މަގާމެއްގައި ހުރި މީހަކަށް ނުވަތަ ސިވިލް ސާވިސްގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އެހެން ވަޒީފާއެއް އަދާ ކުރާ މީހަކަށް ވެގެން ނުވާނެ އެވެ. އަދި ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގައި މާލީ މަސްލަހަތެއް އޮތް މީހަކަށް ވެގެން ނުވާނެ އެވެ.

ބްރޯޑްކޮމްއަކީ ހަތް މެމްބަރުން ތިއްބަވާ ކޮމިޝަނެކެވެ. ކޮމިޝަންގެ ރައީސްއަކީ މަރިޔަމް ވަހީދާ އެވެ. ނައިބު ރައީސްއަކީ މުހައްމަދު ފަޒީން އެވެ. އެ ކޮމިޝަންގެ މެންބަރުންނަކީ އަމްޖަދު ވަހީދު، އަލީ ޔޫސުފް އަދި އާމިނަތު އަމީނާގެ އިތުރުން ޝިފްލާ އިބްރާހީމް އެވެ.