ފަލަސްތީންގެ ޣައްޒާގައި ހުންނަ ހަމާސްގެ ދެ މަރުކަޒަކަށް ހަމަލާ ދީފައިވާނެ ކަމަށެ އިޒްރޭލުގެ ދިފާއީ ބާރު (އައިޑީއެފް) އިން މިއަދު ބުނެފި އެވެ.
އައިޑީއެފް އިން ބުނި ގޮތުން ހަމާސްއަށް ހަމަލާދިނީ މީގެ ކުރިން ޓެރަރިސްޓުން އިޒްރޭލަށް ދިން ރޮކެޓް ހަމަލާތަކަށް ބަދަލުހިފުމަށް ކަމަށެވެ.
އިޒްރޭލުގެ ދިފާއީ ބާރުން ބުނި ގޮތުގައި ހަމާސްގެ މަރުކަޒަކަށް ހަމަލާދިން އަނެއް ސަބަބަކީ އެ ތަނުގައި ހަތިޔާރު އުފެއްދުމާއި މައުދަން ފަދަ ބާވާތްތައް އުފައްދަން މަސައްކަތްކުރާތީ އެވެ.
ހަމާސްއިން އިޒްރޭލުގެ މި ވާހަކަ ދޮގެއް ނުކުރެ އެވެ. ހަމާސްގެ ފަރާތުން ވާހަކަދެއްކި އޮފިޝަލުން ބުނި ގޮތުން އެ ޖަމާއަތުން އިޒްރޭލަށް ފޮނުވާލީ ވަރަށް އާދައިގެ ރޮކެޓެކެވެ. އެއީ މީހަކަށް އަނިޔާވާ ވަރުގެ ރޮކެޓެއް ނޫން ކަމަށްވެސް ހަމާސް ބުނެ އެވެ.
އިޒްރޭލަށް މި ރޮކެޓް ވެއްޓުމުގެ ކުރިން އަޔަން ޑޯމުން ވަނީ ހަލާކުކޮށްލާފަ އެވެ. އެހެންނަމަވެސް ރޮކެޓް ހަމަލާއެއް އަންނަތީ ދިން އިންޒާރާ ގުޅިގެން ރައްކާތެރި ތަންތަނަށް ވަނުމަށް ތެލިފޮޅިގަތް އިޒްރޭލުގެ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
އިޒްރޭލާއި ފަލަސްތީނާ ދެމެދު އޮންނަ ރުޅިވެރިކަމުގައި އިޒްރޭލު އޮންނަނީ ފަލަސްތީނުން ފަޓަހެއް ޖެހިއަސް ސިއްސައިގެންދާ ވަރުގަ އެވެ. އަދި އެހާ ކުޑަ ކަމަކާ ހެދިވެސް އިޒްރޭލުން ފަލަސްތީނަށް އަރައިގަނެ މުޅިތަން ސުންނާފަތިކޮށް އެތައް ގެއްލުމެއް ވަނީ ދީފަ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަގާމާ ހަވާލުވެ ވަޑައިގަތް ފަހުން ފަލަސްތީނަށް ކުރާ ޖެއްސުމާއި އަނިޔާ ވަނީ އިތުރުކޮށްފަ އެވެ. އޭނާގެ ކެބިނެޓްގައި ހިމެނޭ ހަރުކަށި ސިޔާސަތުގެ ވަޒީރުންގެ ނަސޭހަތާ އެކު ނަތަންޔާހޫ ވަނީ ނުލަފާކަން މެކުހަށް ޖަހާފަ އެވެ.
އިޒްރޭލު ސިފައިން ޖެނިންއަށް އަރައި ދިން ހަމަލާތަކަ ގުޅިގެން ފަލަސްތީންގެ އާންމުންވެސް ވަނީ ނުރުހުން ފާޅުކޮށް ގާއުކާފަ އެވެ. އަދި ފަލަސްތީންގެ ޒުވާނަކު ޔަހޫދީ ފައްޅިކަށް ވަދެ ބަޑިން ހަމަލާދީ ހަތް މީހަކު ވެސް ވަނީ މަރާލާފަ އެވެ.