އެމްއޭސީއެލް

އެމްއޭސީއެލްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 75 މީހުން

Feb 2, 2023

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށައި 75 މީހުން ތަމްރީންކުރަން ފަށައިފި އެވެ.

ޕްރޮގްރާމް ފެށުމުގެ ގޮތުން ހުޅުލޭ އައިލަންޑް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީ އާއި އެމްއޭސީއެލްއިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލް އެވެ. އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ އެވެ.

އެމްއޭސީއެލް އިން ފެށި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތެރެއިން ތިން އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 225 މީހުން ތަމްރީން ކުރާނެ އެވެ. އެގޮތުން ފުރަތަމަ ބުރުގައި 20 ދާއިރާއަކުން 75 މީހުންނަށް ތަމްރީންކުރާނެ އެވެ. މިއީ ހަ މަސް ދުވަހުގެ ތަމްރީން ޕްރޮގްރާމެކެވެ.

މިއީ ގައުމީ ސަނަދުގެ އޮނިގަނޑުގެ ސެޓްފިކޭޓް ލެވެލް ތިނެއްގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ހަޔާ އެޑިއުކޭޝަން އާއި ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް ނެޝަނަލް ސްކިލް ޑިވެލޮޕެންޓް އޮތޯރިޓީ ގުޅިގެން އެ އޮތޯރިޓީގެ ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްތަކާއި އެއްގޮތަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ތޯހާ ވިދާޅުވީ އެއާޕޯޓަށް އަންނަ އުމްރާނީ ތަރައްގީ އާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި އެއްވަރަށް ތަމްރީން ލިބިފައިވާ ފަންނީ މުވައްޒަފުން ލިބުމަކީ ކުރިމަތިވާ ގޮންޖެހުމެއް ކަމަށެވެ. މިފަދަ ޕްރޮގްރާމެއްގެ ހިންގުމަކީ މުވައްޒަފުން ހޯދުމަށް އެމްއޭސީއެލްއަށް ލިބޭނެ ލިޔެއް ކަމަށް ވިދާޅުވި އެވެ.

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލް ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތެރެއިން ރަސްމީ ތައުލީމީ ނިޒާމުން އެކި ސަބަބުތަކާއިހުރެ އެކަހެރިވެފައިވާ ފަރާތްތަކަށް ތަމްރީނުދީ ވަޒީފާގެ ފުރުސަތުތައް ހުޅުވާލެވިގެންދާނެ ކަމަށެވެ.

ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ހުނަރުތައް ދަސްކޮށްދީ ވަޒީފާގެ ބާޒާރަށް އަހުލުވެރި ކުރުވަން ހިންގާ ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޖުމްލަ 3،000 ޒުވާނުން ތަމްރީން ކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ.