އެޗްޑީސީ

ތިލަފުށިން ބިން ވިއްކަނީ

ތިލަފުށި ދެވަނަ ފިޔަވަހިން ސިނާއީ ބޭނުމަށް ބީލަމުގެ އުސޫލުން ބިން ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

އެޗްޑީސީ އިން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ ފޭސްތަކަކަށް ބަހާލައިގެން ތިލަފުށިން ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ބިން ގަތުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

އެ ގޮތުން ބީލަމުގެ އުސޫލުން ފުރަތަމަ ވިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށި ޒޯން އޭ ގައިވާ ބިންތަކެވެ.

އަމިއްލަ ފަރުދެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ބީލަން ހުށަހެޅެ އެވެ. ބީލަން ކާމިޔާބު ކުރާ ފަރާތަކީ ދިވެހި ފަރުދެއް ނުވަ ދިވެހި ކުންފުންޏެއް ނަމަ ބިން މިލްކުވެ އެވެ. ބީލަން ކާމިޔާބު ކުރާ ފަރާތަކީ ބޭރުގެ ފަރުދެއް ނުވަތަ ބޭރު ކުންފުންޏެއް ނަމަ 99 އަހަރަށް ބިން ކުއްޔަށް ދޫކުރާނެ އެވެ.

ބީލަން ހުށަހެޅޭ އެންމެދަށް އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ އަކަފޫޓަކަށް 1،700 ރުފިޔާ އެވެ.

ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެއީ ޝައުގުވެރިވާ ފަރާތްތަކުން ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ މަރުހަލާ އާއި އީއޯއައި ހުށަހަޅާ ބިމަށް ބިޑު ކުރުމެވެ.

ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ބިންގަތުމަށް ކުރިމަތިލުމަށް ހަަމަޖެހިފައިވަނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށެވެ. އެޗްޑީސީ އިން ބުނި ގޮތުގައި މި ޕޯޓަލް އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ.

ޕޯޓަލްގެ މައުލޫމާތު އެޗްޑީސީގެ ވެބްސައިޓް އަދި ގެޒެޓްގައި އާންމުކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.