ލައިފްސްޓައިލް

ދޭތެރެދުރުކުރަން ލެއްވި އައިޔޫޑީ އަތުން ހިފައިގެން އޮތް ކުއްޖަކު އުފަންވެއްޖެ

ނުވިހާގޮތް ހެދުމަށްޓަކައި އައިޔޫޑީ ލައްވާފައި ހުރި 20 އަހަރުގެ އަންހެނަކު ސިއްހަތު ރަނގަޅު ފިރިހެންކުއްޖަކު ވިހައިފި އެވެ. އެންމެ މަޖާ ކަމަކީ މި ކުއްޖާ އުފަންވީއިރު އަތު ތެރޭގައި އޭނާގެ މަންމަ ދޭތެރެ ދުރުކުރަން ލެއްވި އައިޔޫޑީ އޮތެވެ.

އެމެރިކާގެ ސްޓޭޓެއްކަމަށްވާ އިޑާޙޯގައި ދިރިއުޅޭ ވައޮލެޓް ކުއިކްގެ ރަހިމުގައި އައިޔޫޑީއެއް އިމްޕްލާންޓްކުރީ އެހާ އަވަހަށް ދަރިއަކު ހޯދަން ބޭނުން ނުވާތީ އެވެ. ނަމަވެސް ކައިވެނި ކުރިތާ މާ ގިނަ ދުވަހެއް ނުވެ ބަލިވެ އިނދެ ވައޮލޮޓް ވަނީ ވިހާފަ އެވެ. ކުއްޖާ ވިހޭއިރު އަތުގައި އައިޔޫޑީ އޮތެވެ.

ވައޮލެޓް އޭނާގެ މިހާރުގެ ފިރިމީހާ ޖޯން ފްރާންސިސް އާ ކައިވެނިކުރީ އުމުރުން 19 އަހަރުގަ އެވެ. މިހާ ޅަ އުމުރުގައި ކުއްޖަކު ހޯދަން ދެމަފިރިން ބޭނުން ނުވާތީ އައިޔޫޑީ ލެއްވީ އެވެ.

ކައިވެންޏަށް އެންމެ އަހަރެއްވެސް ނުފުރެނީސް ވައޮލެޓް ބަލިވެއިންކަން އެނގުމުން ދެމަފިރިންނަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވައޮލެޓް ވަނީ ވިހާފަ އެވެ. އަދި އޭނާ ވަނީ ތުއްތު ދަރިފުޅު ރޫޑީގެ ވީޑީއޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފަ އެވެ. މި ވީޑިއޯގައި ތުއްތު ކުއްޖާ އޭނާގެ މަންމަ ބާތު ކޮންޓްރޯލް ޑިވައިސް އަތުން ހިފައިގެން އޮއްވާ ފެނެ އެވެ.

ޓިކްޓޮކްގައި ވައޮލެޓް ޝެއާ ކުރި ވީޑިއޯގައި ބުނި ގޮތުގައި ދަރިފުޅު ވިއްސި ނަރުހުންނަށް ވެސް އޭނާ ފުރަތަމަ ފެނުމާއެކު ބޮޑު ހައިރާންކަމެއް ލިބުނެވެ. އަތުގައި އައިޔޫޑީ އޮތީމަ އެވެ.

"ހިޔެއް ނުކުރަން އައިޔޫޑީ ލައްވާފައި ވަނިކޮށް ބަލިވެ އިނދެދާނެ ކަމަކަށް. ނަމަވެސް މޭނުބައިކުރާތާ ދެ ހަފުތާއެއް ވީއިރުވެސް ރަނގަޅު ވެގެން ޓެސްޓް ކުރިއިރު ބަނޑުބޮޑު،" ވައޮލެޓް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ބަލިވެ އިންތޯ ބަލަން ފުރަތަމަ ކުރި ޓެސްޓް ޕޮޒިޓިވް ވީމަ ގަބޫލު ނުކުރެވިގެން ވިދިގެން އައި ހަފުތާ ތަކުގައި ހައެއްކަ ފަހަރު އޭނާ ޓެސްޓްކުރި އެވެ. ހުރިހާ ފަހަރަކުވެސް ދެއްކީ ޕޮޒިޓިވް ކަމަށެވެ.

ވައޮލެޓްގެ އިލްތިމާސް އަކީ ބާތު ކޮންޓްރޯލް ޑިވައިސް އެއް ލައްވާފައި ހުއްޓަސް ބަލިވެ އިންކަމުގެ އަލާމާތްތައް ފެންނަ ނަމަ ޓެސްޓް ކުރުމަށެވެ. ސަބަބަކީ އައިޔޫޑީ ލައްވާފައި ހުއްޓާ ބަލިވެ އިންނައިރު އެކްޓޯޕިކް ޕްރެގްނަންސީއެއްގެ ނުރައްކާ ބޮޑުކަމުންނެވެ. އެކްޓޯޕިކް ޕްރެގްނަންސީ ތަކުގައި ދަރިފުޅު ގަރުބަގަންނަނީ ރަހިމަކު ނޫނެވެ. މިއީ ބަލިވެ އިންތާ ކުރީކޮޅު ނޭނގިއްޖެނަމަ މައިމީހާގެ ފުރާނައަށް ނުރައްކާވާ ކަމެކެވެ.