ގދ. ތިނަދޫ

ތިނަދޫ ކަރަންޓަށް ދާއިމީ ހައްލެއް ގެންނަން ދެމަސް ނަގާނެ: ނިމާލް

ގދ. ތިނަދޫގެ އިންޖީނުގޭގައި ރޭ އަލިފާން ރޯވެ ލިބުނު ގެއްލުންތަކަށް ދާއިމީ ހައްލެއް ގެނައުމަށް ދެމަހެއްހާ ދުވަސް ނަގާނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިމާލް ވިދާޅުވީ އެމައްސަލައިގައި ވަގުތީ ހައްލެއް ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ.

ރޭ ހިނގި މިހާދިސާގައި ލިބުނު ގެއްލުން ގާތްގަނޑަކަށް 22 މިލިއަނަށް އަރާ ކަމަށް ފެނަކަ އިން ވަނީ ބުނެފަ އެވެ.

އެގޮތުން ގއ. ވިލިގިލިންނާއި މާމެންދޫން ޖަނަރޭޓަރެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މޫސުން ގޯސް ނޫނިއްޔާ މިރޭގެ 11 ޖަހާއިރު ނުވަތަ 11:30 ހާއިރު ލ. މާމެންދޫއިން ޖަނަރޭޓަރު ހިފައިންދާ ދޯންޏަށް ތިނަދޫއަށް ވަދެވޭނެ ކަމަށް ނިމާލް ވިދާޅުވި އެވެ.

ނިމާލް ވިދާޅުވީ މިފަދަ ހާދިސާތައް ހިނގިޔަ ނުދޭން ވަރަށް ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށެވެ.

" ރަށްރަށުގެ އިންޖީނު ގޭގެ ވަށާފާރު މިހުންނަނީ ވަރަށް ތިރިކޮށް. މި ފާރުތައް އުސްކުރަން އެބަޖެހޭ. އިންޖީނު ގޭތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރެވޭނީ އޭރުން. ސީސީޓީވީ ހަރުކޮށް ވަރަށް ރަނގަޅަށް ސެކިއުރިޓީ ބަލަހައްޓަން އެބަޖެހޭ" ނިމާލް ވިދާޅުވި އެވެ.

ނިމާލް ވިދާޅުވީ 2016 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ކަރަންޓުގެ ހިދުމަތުން ރައްޔިތުން ހިނިތުން ކުރުވާނެ ކަމަށެވެ. އަދި އިންޖީނު ގެތައް ތަރައްގީ ކުރުމުގެ އެތައް މަޝްރޫއެއް މިއަހަރުގެ ތެރޭގައި ހިނގާނެ ކަމަށް ނިމާލް ވިދާޅުވި އެވެ.