ތުރުކީ

ތުރުކީއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ތުރުކީގެ ދެކެނުގެ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

ބިންހެލުމުގެ އަސަރު ދެކުނުގެ ސިޓީތައް ކަމަށްވާ ދިޔާރްބަކީރް އަދި ގާޒިއާންތިޕްގެ އިތުރުން އަވަށްޓެރި ލެބަނަން އަދި ސީރިއާއަށް ވެސް ކޮށްފައިވެ އެވެ.

މި ބިންހެލުމުގައި އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. ނަމަވެސް މަރުވި މީހުންގެ އަދަދުތައް އަދި ސާފުވެފައެއް ނުވެ އެވެ. ބިންހެލުން އައިސްފައިވަނީ ރިކްޓާ މިންގަނޑުން 7.4 ގެ ބާރުމިނުގަ އެވެ.

ތުރުކީގެ މަލްތިޔާ ސަރަހައްދުގައި އެކަނިވެސް 23 މީހަކު މަރުވެ 420 މީހަކަށް އަނިޔާވެފައިވާ ކަމަށް އެތަނުގެ ގަވަރުނަރު ވިދާޅުވި އެވެ. މީގެ އިތުރުން 140 އިމާރާތް ބިމާ ހަމަވެފައިވެ އެވެ.

އޮސްމޭނިޔޭ ސަރަހައްދުގައިވެސް ފަސް މީހަކު މަރުވެ 34 އިމާރާތަކަށް ގެއްލުންވެފައިވާ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

ތުރުކީގެ ޑިޒާސްޓާ އިމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީ (އޭއެފްއޭޑީ) އިން ހާމަކޮށްފައިވާ ގޮތުގައި ބިންހެލުން އައިސްފައިވަނީ ޕަޒާޗިކް ސަރަހައްދަށް އެތަނުގެ ގަޑިން 4.17 ގައި ކަމަށެވެ. މި ބިންހެލުން އައިސްފައިވަނީ ބިމުގެ އަޑިން ގާތްގަނޑަކަށް ހަތް ކިލޯމީޓަރު އަޑިއަށެވެ.

ފުރަތަމަ ބިން ހެލުމަށްފަހު އިތުރު ބިންހެލުންތައް ގާޒިއާންތިޕްއަށް 6.5 އަދި 6.4 ގެ ބާރުމިނުގެ އައިސްފައިވެ އެވެ.

މި ބިންހެލުމާ ގުޅިގެން ގެއްލުންވި އެންމެހާ އާއިލާތަކަށް އެމަނިކުފާނުގެ ހެޔޮއެދުންތައް ވާކަމުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ޓުވިޓާގައި ވިދާޅުވި އެވެ. ކަމާގުޅޭ ރަސްމީ އިދާރާތައް ތައްޔާރަށް ތިބިކަމަށްވެސް ވިދާޅުވެފައިވެ އެވެ.

މިބިންހެލުން އައި ސަރަހައްދުތަކަށް ރެސްކިއު ޓީމްތައް ފޮނުވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އިންޓީރިއާ މިނިސްޓަރު ސުލައިމާން ސޮއިލޫ ވިދާޅުވެފައިވަނީ ހޯމަ ދުވަހުގެ ކުރީވަގުތުތަކުގައި 6 އަށްވުރެ މަތީ ބާރުމިނުގައި 6 ލޮޅުމެއް އަރާފައިވާ ކަމަށެވެ.