ހަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ރެޑީ މިކްސް ސިމެންތި ތައާރަފްކޮށްފި

އެސްޓީއޯ އިން ރާއްޖެއަށް ރެޑީމިކްސް ސިމެންތި (ތައްޔާރީ ސިމެންތި) ތައާރަފުކޮށްފި އެވެ. މިއީ ރާއްޖޭގައި ތައްޔާރީ ސިމެންތި ތައާރަފުކުރި ފުރަތަމަ ފަހަރެވެ.

ރެޑީ މިކްސް ސިމެންތިއަކީ ވަކި ހާއްސަ ކޮލިޓީއެއްގައި ގަށައި ތައްޔާރުކޮށްފައި ހުންނަ ކޮންކްރީޓެވެ. މި ސިމެންތި އުފުލަކީ ހާއްސަ އުޅަނދެއްގަ އެވެ. މިއީ އިމާރާތް ކުރުމުގެ ސްޕީޑް ހަލުވި ކުރުމަށް ގިނަ ގައުމުތަކުން ބޭނުންކުރާ އުފެއްދުމެކެވެ.

ދަރުބާރޫގޭގައި ކުރިއަށްދާ މަސީގެ "ބިލްޑް އެންޑް ހޯމް އެކްސްޕޯ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ރެޑީ މިކްސް ތައާރަފުކޮށްދެއްވީ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެސްޓީއޯއަށް މާލެއިން ވަގުތީ ބިމެއް ދީގެން މި މަސައްކަތް ފަށާފައިވީ ނަމަވެސް މާލޭގެ ބިން ހިއްކައިގެން ހަދާ އިންޑަސްޓްރިއަލް ވިލެޖް އެޅުމުން އެ ސަރަހައްދުން ބިން ދޫކޮށް، އެހެން ފަރާތްތަކަށް ވެސް ތައްޔާރީ ސިމެންތި ތައްޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިކަމުގެ ސަބަބުން މާލޭގެ ވެށި ސާފުވެގެން ދާނެ ކަމަށާއި މަގުތައް ބަންދުކޮށް ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަން ނުޖެހޭނެ ކަމަށެވެ.

މީގެކުރިން އެސްޓީއޯގެ އެމްޑީ އަހުމަދު ޝަހީރު ވިދާޅުވެފައިވަނީ، ރެޑީމިކްސް ތައާރަފު ކުރުމުން ކޮންސްޓްރަކްޝަން ސައިޓަށް ގޮސް ސިމެންތި ޕަންޕު ކޮށްދޭނެ ކަމަށާއި މީގެ ސަބަބުން ސްޕީޑްވެސް ހަލުވި ވެގެން ދާނެ ކަމަށެވެ. މީގެ އިތުރު ކޮންސްޓްގެ ރަނގަޅު ބަދަލެއް އަންނާނެ ކަމަށް ޝަހީރު ވިދާޅުވި އެވެ.