ހަބަރު

އާ މަންހަޖު ހަރުދަނާ ކުރަން 10 އަތޮޅެއްގައި ވީޑިއޯ ކޮންފަރަންސް ގާއިމް ކުރަނީ

އާ މަންހަޖް ތަންފީޒު ކުރުން ހަރުދަނާ ކުރުމަށް 10 އަތޮޅެއްގައި ވީޑިއޯ ކޮންފަރަންސް ސިސްޓަމްތަކެއް ގާއިމް ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން އަލަށް ފަށައިގެން އުޅޭ ވީޑިއޯ ކޮންފަރަންސް ތަކުގެ މަގްސަދަކީ، މިދިޔަ އަހަރު ސްކޫލުތަކުގައި އާމަންހަޖު ފެށުމާއި ގުޅިގެން ސްކޫލްތަކުގައި ޓީޗާސް ރިސޯސް ސެންޓަރު (ޓީއާރުސީ) ތަކުން ހިންގުނު ތަފާތު ހަރަކާތްތަކުގެ ތެރެއިން މަންހަޖު ތަންފީޒު ކުރުމުގައި ދިމާވަމުންދާ ގޮންޖެހުންތަކާއި އަދި އެކަންކަން ހައްލުކުރެވިދާނެ ގޮތްތަކާއި ބެހޭ ގޮތުން ހުރިހާ ފަރާތްތަކެއް ގުޅިގެން މަޝްވަރާކުރުމަށެވެ.

އެގޮތުން ތައުލީމީ ދާއިރާގެ ފުރަތަމަ ވީޑިއޯ ކޮންފަރަންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ މިއަހަރު ތައުލީމީ ދާއިރާގެ އެންމެ ބޮޑު އެއް އަމާޒަކީ މަދަރުސީ ތައުލީމުގެ ގައުމީ މަންހަޖު ކާމިޔާބު ކަމާއި އެކު ތަންފީޒުކުރުމަށްޓަކައި މުދައްރިސުންނަށް ދޭންޖެހޭ ފަންނީ ތަމްރީނުތައް ދިނުން ކަމަށެވެ.

އެގޮތުން މިކަންތައްތައް ހާސިލްކުރުމަށް މިއަހަރުގެ ތެރޭގައި އިތުރު 10 އަތޮޅެއްގައި ވީޑިއޯ ކޮންފަރެންސް ސިސްޓަމް ގާއިމްކޮށް، މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއް މި ނިޒާމުގެ ތެރެއިން ގުޅުވާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ ފަންނީ ތަމްރީނުތައް ހޯދުމަށް ދަތުރުތައް މަދުކޮށް މާލެ އައުމުގެ ބަދަލުގައި ފަސޭހަކަމާއެކު، ތަމްރީނުތައް ދިނުމަށް ކުރެވޭ މަސައްކަތެއް. އަޅުގަނޑުގެ އިލްތިމާސަކީ، މި ވަސީލަތުގެ ބޭނުން ހުރިހާ ބޭފުޅުންވެސް ހިއްޕަވައި، ފެންވަރު ރަގަޅު ތަޢުލީމަކަށް ކޮންމެހެންވެސް ބޭނުންވާ ތަމްރީނުތައް ވީހާވެސް ފުޅާ ދާއިރާއެއްގައި ހިންގަވައިދެއްވުން." ޝިހާމް ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި އާ މަންހަޖު ކާމިޔާބުކަމާއެކު ތަންފީޒުކުރެވޭނީ ސްކޫލްތަކާއި ތައުލީމީ ދާއިރާގެ ތަފާތު މުއައްސަސާތަކުން އެއް އަމާޒަކަށް މަސައްކަތްކޮށް، ފަންނީ މަރުކަޒުތަކާއި ސްކޫލްތަކާއި އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކޮށް އަދި މައުލޫމާތު ބަދަލުކުރެވޭނެ ފުރުސަތުތައް ގިނަކުރެވިގެން ކަމަށެވެ.

މިއަދު ހެނދުނު ނޭޝަނަލް އިންސްޓަޓިއުޓް އޮފް އެޑިޔުކޭޝަންގެ ސެމިނާ ރޫމްގައި ފެށި އެއް ދުވަހުގެ މުއްދަތަށް ކުރިޔަށް ދާ ފުރަތަމަ ވީޑިއޯ ކޮންފަރަންސްގައި ރާއްޖޭގެ ވިހި ޓީއާރުސީ އަކުން 110 ބައިވެރިން ބައިވެރިވެ އެވެ.