ދުންޔާ މައުމޫން

މިނިސްޓަރު ދުންޔާ ޕާކިސްތާނަށް ވަޑައިގެންފި

ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފާ ބައްދަލުކުރައްވައި ރައީސް ޔާމީންގެ ފަރާތުން މެސެޖެއް ފޯރުކޮށްދެއްވާނެ ކަމަށެވެ. މިއީ ދެދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރެކެވެ.

ދުންޔާގެ މިދަތުރުފުޅުގައި ޕާކިސްތާނުގެ ބޮޑުވަޒީރުގެ އިތުރުން ބޮޑުވަޒީރުގެ އެޑްވައިޒާ ފޯ ފޮރިން އެފެއާޒް، ސަރްތާޖް އަޒީޒާއި ސްޕެޝަލް އެސިސްޓެންޓް ފޯ ފޮރިން އެފެއާޒް، ސާއިދް ތާރިގް ފާތިމީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އަދި މި ދަތުރުފުޅުގައި ޖޮއިންޓް ސެކްރެޓަރީ ފަރުޒާނާ ޒާހިރާއި ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު އާމިނަތު ޝަބީނާ ބައިވެރިވެވަޑައިގެންނެވި އެވެ.

ޕާކިސްތާނު އެއާޕޯޓުން މިނިސްޓަރު ދުންޔާއަށް މަރުހަބާ ވިދާޅުވީ ރާއްޖެ އިން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަ ހައި ކޮމިޝަނަރު އަހުމަދު ސަލީމް އާއި ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުންނެވެ.