ރައްޔިތުންގެ މަޖިލިސް

މޮސްޓާއާއި ފަލާހްގެ ނަން އިއްވާ ޗެމްބަރުން ބޭރުކޮށްފި

Feb 8, 2023

ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރެއްގެ ނަން އިއްވާ މަޖިލީހުން ނެރެފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަން އިއްވާ ނެރެފައިވަނީ އެމްޑީޕީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް އާއި އަމިއްލަ މެންބަރެއް ކަމަށްވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ.

މި ދެ މެންބަރުންގެ ނަން އިއްވިއިރު ރިޔާސަތުގައި އިންނެވީ އެމްޑީޕީގައި ރައީސް މުހައްމަދު ނަޝީދާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް އެވެ.

ދެ މެންބަރުންގެ ނަން އިއްވާ މަޖިލީހުން ނެރުނީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ހަސަން އަފީފް ބަހުސްގައި ބައިވެރިވެވަޑައިގަންނަވާތީ މެންބަރުން އެކަމާ ދެކޮޅު ހައްދަވައި ރިޔާސަތުގެ އެންގެވުންތަކަށް އަމަލުނުކުރެއްވުމުންނެވެ.

މެންބަރު ނަޝީދު ވަނީ ތަކުރާރުކޮށް ހަސަން އަފީފަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އެ ވެރިކަން ނިމިގެން ދިޔައިރު ހޯމް މިނިސްޓަރަކަށް ހުންނެވީ ހަސަން އަފީފް ކަމަށާއި އޭރު އެ މަގާމު އަދާނުކުރެވުނު މީހަކަށް ތަފާތު ފިކުރުތަކާ އެކު އޮތް މަޖިލީހުގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށެވެ. އެހެންވެ ނަޝީދު ވަނީ މަޖިލީހުގެ ރިޔާސަތު ދޫކުރެއްވުމަށް އަފީފަށް ދަންނަވާފަ އެވެ.

މެންބަރު ނަޝީދަށް ރައްދު ދެއްވަމުން ހަސަން އަފީފް ވިދާޅުވީ އޭނާ ރިޔާސަތު ބަލަހައްޓަވަނީ މަޖިލީހުގެ ރައީސް ނަޝީދު އެ ޒިންމާ އަދާކުރެއްވުމަށް އެންގެވުމާ ގުޅިގެންނެވެ.

ދެ މެންބަރުންގެ ނަން އިއްވުމާ ގުޅިގެން އެ ދެ މެންބަރުން ވަނީ ސުލްހަވެރިކަމާ އެކު މަޖިލިސް ޗެމްބަރު ދޫކުރައްވާ ވަޑައިގެންފަ އެވެ.