ތުރުކީ

ފޫޅާއެކު ދިރިދިރިއޮތް ތުއްތު ކުއްޖެއް އިމާރާތެއްގެ ދަށުން ނަގައިފި

ވިހެއުމަށްފަހު ފޫޅުވެސް ނުކަނޑައި އޮތް ތުއްތު ކުއްޖެއް ތުރުކީ_ސީރިއާ އަށް އައި ބިން ހެލުމުގައި އިމާރާތެއް ދަށުވެފައި އޮއްވާ ފެނިގެން ފޫޅުކެނޑުމަށްފަހު ނަގައިފި އެވެ.

އެހީފޯރުކޮށްދޭ ފަރާތްތަކަށް މި ތުއްތު ކުއްޖާ ފެނުނުއިރު މި ކުއްޖާ އޮތީ ކުއްޖާގެ މަރުވެފައިވާ މަންމައާއި ފޫޅުން ގުޅިފަ އެވެ. ކުއްޖާ ނެގުމުގެ ކުރިން ފޫޅު ކަނޑާފައިވަނީ އެހީފޯރުކޮށްދޭ ފަރާތްތަކުންނެވެ.

ތުއްތު ކުއްޖާގެ އާއިލާއިން ހަމައެކަނި މިހާތަނަށް ސަލާމަތްވި ދިރުން ކަމުގައިވާ މި ތުއްތު ކުއްޖާ ވަނީ ކައިރީގައިވާ އަފްރީން ޓައުން އަށް ގެންގޮސް ފަރުވާ ދޭން ފަށާފަ އެވެ.

ކުއްޖާގެ ބައްޕަ އަބްދުﷲ އާއި، މަންމަ އަފްރާ އާއި، އެއްބަނޑު ހަތަރު ކުދިންނާއި، ބޮޑު ދައިތަގެ ހަށިތައް އިމާރާތުގެ ދަށުން އާއިލާ މީހުންގެ އެހީތެރިކަމާއެކު ނެރުމުގެ މަސައްކަތް ކޮށްފައިވެ އެވެ.

މިހާދިސާ ހިނގާފައިވަނީ ސީރިއާގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައިވާ ޖިންދައިރިސް ޓައުންގަ އެވެ.

"އަހަރެމެންނަށް އަޑެއް އިވުނު ގާކުނޑިތައް ނަގައި ސާފު ކުރަމުން ދިޔައިރު،" ކުޑަކުއްޖާ އެންމެ ފުރަތަމަ ފެންނަން ދިމާވި ގޮތް ސުވާދީ ކިޔާ މީހަކު އޭއެފްޕީއަށް ބުނެފައިވެ އެވެ.

"އަހަރެމެން ހިރަފުހާއި ކުނޑިތައް ސާފު ކުރުމުން ތުއްތު ކުއްޖާ ފެނުނު ފޫޅުވެސް ކަނޑާނުލެވި ވަނިކޮށް. އެހެންވެ އަހަރެމެން ފޫޅު ކަނޑައި ކުއްޖާ ހޮސްޕިޓަލަށް ފޮނުވާލިން،"

މިކަން ހިނގިއިރު ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑީއާގައި މިވަގުތު ދަނީ ދައުރުވަމުންނެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ސުންނާފަތިވެފައިވާ ހަތަރު ބުރީގެ އިމާރާތުގެ ގާތަކުގެ ދަށުން ތުއްތު ކުއްޖަކު ނަގައިގެން ބާރަށް ދުވެފައި މީހަކު ދަނިކޮށް ފެނެ އެވެ.

ދެވަނަ މީހަކު ރަޖާގަނޑެއް ހިފައިގެން އަލަށް ވިހެއި ތުއްތު ކުއްޖާއާ ދިމާލަށް ދުވެފައި ގަދަ ފިނީގެތެރޭގައި ކުއްޖާއަށް ބޭނުންވާ ހޫނުކަން ފޯރުކޮށް ދިނުމަށް ދާތަން ފެނެ އެވެ. އަދި ތިންވަނަ މީހަކު ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމަށް ކާރެއް ހޯދުމަށް ގޮވަމުން ގޮސްފައިވެ އެވެ.

ތުއްތު ކުއްޖާގެ އާއިލީ މީހުންގެ ޖަނާޒާގެ ކަންތައް އެއްފަހަރާ ގެންދިއުމަށް އެމީހުންގެ ހަށިތައް ޖެހިގެން ހުރި ތިމާގެ މީހެއްގެ ގޭގެ ބިންމަތީގައި ބަހައްޓާފައިވެ އެވެ.

"އަހަރެމެންނަކީ ސީރިއާ ސަރުކާރުގެ ބާރުގެ ދަށުގައިވާ އިރުމަތީ ސީޓީ، ދައިރް އަޒޫރު އިން ބޭރުކޮށްލެވިފައިވާ ބައެއް. އަބްދުﷲ އަކީ އަހަރެންގެ ދެބެންގެ ދެދަރި މީހެއް. އަހަރެން ކައިވެނިކޮށްގެން އުޅެނީ އޭނާގެ އަންހެން ކޮއްކޮ އާއި،" މަރުވެފައިވާ ތިމާގެ މީހުންގެ ހަށިތަކަށް އަނދިރީގެ ތެރޭގައި ނަޒަރުކޮށްލައި އެމީހުންގެ ނަންތައް ލިސްޓް ކުރަމުން ތުއްތު ކުއްޖާގެ ބައްޕަގެ އާއިލީ މީހަކު ބުނެފައިވެ އެވެ.