ރާއްޖެ ކުޅިވަރު

ފަރެސްމާތޮޑާ ބަލިކޮށް ޗެމްޕިއަންކަން ފޭދޫ އަށް

ގދ. ފަރެސް މާތޮޑާ 1-0އިން ބަލިކޮށް، މިނިވަން50 ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އައްޑޫ ސިޓީގެ ފޭދޫ މިއަދު ހޯދައިފި އެވެ.

އައްޑޫ ޒޯން ސްޓޭޑިއަމުގައި މިއަދު ކުޅުނު ފައިނަލް މެޗުގެ ހަމައެކަނި ލަނޑު ޖެހީ ފޭދޫގެ އިބްރާހީމް މަދުހީ އެވެ.

ޗެމްޕިއަންކަން ހޯދުމުން ފޭދޫ އަށް ވަނީ މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުން ވެސް ޖާގަ ލިބިފަ އެވެ.

މެޗަށް ފަހު ފަރެސް މާތޮޑާ ޓީމުން ބުނީ މެޗުގައި އެ ޓީމަށް ރަނގަޅަށް ކުޅެގަނެވުނީ ފޭދޫ ގޯލު ޖެހި ފަހުން ކަމަށެވެ.

"މިއީ ދެރަ ނަތީޖާއެއްނޫން. މީގެ ކުރިން ފަރެސްމާތޮޑާ އަކީ އޮންނަ ރަށެއްކަން ވެސް ނޭނގެ. އެކަމަކު މިހާރު ރާއްޖޭގެ އެންމެނަށް، ފުޓްބޯޅަ އަށް ލޯބިކުރާ މީހެއްވިއްޔާ ފަރެސް މާތޮޑާ އެނގޭނެ. މިއަދު ފޭދޫ ޓީމު ރަނގަޅަށް ކުޅުނީ. އެމީހުންގެ ނަސީބު ރަނގަޅީ. އެއްވަރުގެ ދެ ޓީމު މިއީ. އެކަމަކު މޮޅުވާނީ އެދުވަހެއްގައި ކޯޗު ބުނާގޮތަށް ރަނގަޅަށް މަސައްކަތް ކުރެވުނު ޓީމެއް،" ފަރެސް މާތޮޑާ ޓީމުގެ ކޯޗު މެޗަށް ފަހު ބުންޏެވެ.

ފޭދޫ ޓީމުގެ އެސިސްޓެންޓް މެނޭޖަރު ބުނީ ގައުމީ މުބާރާތަށް ކޮލިފައިވުމުން އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށާއި ކާމިޔާބީގެ ސިއްރަކީ ސަޕޯޓަރުން ކަމަށެވެ.

"ފަރެސްމާތޮޑާ ޓީމުން ވެސް ވަރަށް ރަނގަޅަށް ކުޅުނު. ވަރަށް މޮޅު ކުޅުމެެދެއްކި. އެމީހުންނަށް ވެސް މަރުހަބާކިޔަން. އަޅުގަނޑުމެންގެ ކާމިޔާބީގެ ސިއްރަކީ ސަޕޯޓަރުން. އަދި ކުރިއަށް އޮތްތަނުގައި ވެސް މި ސަޕޯޓްދިނުމަށް އެދެން،" އޭނާ ބުންޏެވެ.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވި މިނިވަން 50 މުބާރާތުގައި ރާއްޖޭގެ 78 ރަށަކުން ބައިވެރިވި އެވެ. އަތޮޅު މުބާރާތްތަކަށް ފަހު ކުޅުނު ޒޯނު ޗެމްޕިއަން ބުރަށް ޒޯން ޗެމްޕިއަން ޓީމުތަކުގެ މެދުގައި މުބާރާތުގެ ފައިނަލް ބުރު ކުޅުނީ އައްޑޫ އާއި ކުޅުދުއްފުށީގަ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް މުބާރާތުގެ ވާދައިގެ ތަށި ހަވާލުކޮށް ދެއްވީ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވުމަށް އައްޑޫ އަށް ވަޑައިގެން ރައީސުލްޖުމުހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމެވެ.