އެޓާނީ ޖެނެރަލް

23 ބިލުގެ ތެރެއިން ހަތް ބިލެއް މިއަދު މަޖިލީހަށް

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލުތަކުގެ ތެރެއިން ހަތް ބިލެއް ހުށަހެޅުމުގެ މަސައްކަތް މިއަދު ކުރިއަށްދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއުވާން ވިދާޅުވީ މަޖިލީހުގެ ފުރަތަމަ ދައުރަށް ސަރުކާރުން ހުށަހެޅުމަށް ގަސްދުކުރާ ބިލްތަކުގެ މައުލޫމާތު ބަންޑާރަ ނައިބުގެ އޮފީހުން މަޖިލީހާ ހިއްސާކޮށްފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުރަަތަމަ ދައުރަށް 23 ބިލެއް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާއިރު މިއަދު ހުށަހަޅާ ހަތް ބިލުގެ މައުލޫމާތު ފަހުން ހިއްސާކުރައްވާނެ ކަމަށް މިއުވާން ވިދާޅުވި އެވެ.

މިއަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅާ ބިލްތައް

  • ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު
  • ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
  • ޖިނާއީ އިޖުރާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުނަށް އިސްލާހު ގެނައުމުގެ ބިލު
  • އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ހައްޖާއި އުމުރާގެ ބިލު
  • ކުޅިވަރު ގާނޫނަށް އިސްލާހުގެ ނައުމުގެ ބިލު
  • އިސްރަށްވެހިންގެ ބިލު
  • ފޮރިން އިންވެސްޓްމަންޓްގެ ބިލު
  • އިންޑަސްޓްރިއަލް ރިލޭޝަން ބިލު
  • މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލު
  • އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު
  • ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ކުނި މެނޭޖްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

ސަރުކާރުން ހުށަހަޅަން ނިންމާފައިވާ ބިލްތަކުގެ ތެރޭގައި ޖޭއެސްސީ އަލުން އެކުލަވާލުމަށްޓަކައި ގާނޫނުއަސާސީއާއި ޖޭއެސްސީގެ ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމާފައިވާ ކަން ފާހަގަކުރެވެ އެވެ. އަދި ރާއްޖޭގައި ބާއްވާ އިންތިހާބުތަކާ ގުޅޭ ގާނޫނުތައް އިސްލާހު ކުރަން ނިންމާފައިވާ ކަންވެސް ފާހަގަކުރެވެ އެެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ -- އެމްޑީޕީގެ ތެރޭގައި އޮތް ބޮޑު ބައިބައިވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާތަކަށް ސަރުކާރުން ހުށަހަޅާ ބައެއް މައްސަލަތަކާއި ބިލްތައް ފާސްކުރުމަށް ކުރިއަށް ވުރެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ އެވެ.