މޯލްޑިވްސް ކަސްޓަމްސް ސާވިސް

ބޮޑެތި ވިޔަފާރިވެރިނަން އެކްރެޑިޓް ކްލައިންޓްގެ ހިދުމަތް ތައާރަފްކޮށްފި

މުދާ އިމްޕޯޓް އަދި އެކްސްޕޯޓު ކުރާފަރާތްތަކަށް ލުއި ފަސޭހަކަމާއި އެކު ކްލިއާ ކުރުމުގެ ހިދުމަތް ދިނުމަށް ކަސްޓަމްސް އެކްރެޑިޓް ކްލައިންޓް (ސީއާސީ) ތައާރަފްކޮށްފި އެވެ.

ސީއާސީއަކީ ފުޅާދާއިރާއެއްގައި އިމްޕޯޓު އެކްސްޕޯޓު ކުރާ ފަރާތްތަކަށް ލުއިފަސޭހަ ނިޒާމެއްގެ ތެރެއިން މުދާ ކްލިއާ ކުރުމުގެ އަވަސް ހިދުމަތްތަކެއް ފޯރުކޯށްދިނުމަށްޓަކައި ރާއްޖޭގައި އަލަށް ތައާރަފްކުރި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ބައިނަލްލަގުވާމީ ކަސްޓަމްސްގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު މޯލްޑިވްސް ކަސްޓަމްސް ސާވިސް (އެމްސީއެސް) އިން ބޭއްވި ހަފްލާއެއްގަ އެވެ.

އެމްސީއެމް އިން ބުނީ އެއިދާރާ އިން މިފަދަ ހިދުމަތެއް ތައާރަފް ކުރަން ނިންމީ އިމްޕޯޓް އެކްސްޕޯޓްގެ ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން
ގާނޫނާއި ގަވައިދާ އެއްގޮތަށް ކަންތައްތައް ކުރުމަށް ހާއްސަ އަހަންމިއްޔަތުކަމެއް ދީ އެކަން ކަންކަމަށް ފަރުވާތެރިވާ ފަރާތްތައް ފާހަގަ ކުރުން ކަމަށާއި އެފަރާތްތަކަށް ވީހާވެސް ލުއިފަސޭހަ ނިޒާމެއްގެ ތެރެއިން ހިދުމަތް ދިނުމަށް ކަމަށެވެ.

އެކްރެޑިޓް ކްލައިންޓުގައި ބައިވެރިވެވާން ބޭނުންވާ ޝަރުތުތައް:

1- ރާއްޖޭގައި މުދާ އިމްޕޯޓު ނުވަތަ މުދާ އެކްސްޕޯޓު ކުރާތާ ފަސް އަހަރު ދުވަސް ވެފައިވުން
2- ކަސްޓަމްސް އިން ކަނޑައަޅައިފައިވާ އަގަށް ވުރެއް ގިނައިން އިމްޕޯޓް ޑިއުޓީ ނަގައިފަ ވުން
3- ފާއިތުވެދިޔަ 12 މަސްދުވަސް ތެރޭގައި ކަސްޓަމްސް އިން ކަނޑައަޅާ އަދަދަކަށްވުރެއް ގިނައިން އިމްޕޯޓް ނުވަތަ އެކްސްޕޯޓު ޑިކްލަރޭޝަން ހުށަހަޅައިފަވުން
4- އަހަރެއް ތެރޭގައި އިމްޕޯޓު އެކްސްޕޯޓު މުދަލާއި ގުޅޭ ގާނޫނާއި ގަވައިދަށް ހިލާފު އެއްވެސް މައްސަލައެއް ތަހުގީގުން ސާބިތުވެގައު ނުވުން
5- އިމްޕޯޓްނުވަތަ އެކްސްޕޯޓު ކުރުމުގައި ހުއްދަ ބޭނުންވާ އެއްޗެއް ހުއްދަ ނެތި ގެނައުމުގެ މައްސަލައެއް ފާއިތުވި އެއް އަހަރު ތެރޭގައި ފާހަގަވެފައި ނުވުން.
6- ކަސްޓަމްސް އަށް ދައްކަން ޖެހޭ އެއްވެސް ފައިސާ އެއް ނުވުން.
7- ދައުލަތަށް ޓެކްސް ގޮތުގައި އެއްވެސް ފައިސާ އެއް ދައްކަން ޖެހިފައި ނެތުން
8- ހަރުދަނާ އެކައުންޓެއް ނުވަތަ ރިކޯޑު ކީޕީން ނިޒާމެއް ގާއިމް ކުރެވިފައި ވުން.