ދުނިޔެ

ޖޯ ބައިޑަން ލޫލާއާ ބައްދަލު ކުރައްވައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑަން ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާއާ ވައިޓް ހައުސްގަައި ހުކުރު ދުވަހު ބައްދަލުކުރައްވައިފި އެވެ.

މިއީ ބްރެޒިލްގެ ރައީސް ކަމަށް މިދިއަ އަހަރު ލޫލާ ވަޑައިގަތުމާ ގުޅިގެން ބައިޑަން ދެއްވި ދައުވަތަކަށް ލޫލާ އެމެރިކާއަށް ކުރެއްވި ދަތުރެކެވެ.

މި ބައްދަލުވުމުގައި ދެ ލީޑަރުން އެއް މޭޒުދޮށުގައި ޚިޔާލު ބަދަލުކުރައްވައި މަޝްވަރާ ކުރެއްވި އެވެ. އެހެންނަމަވެސް ބައިޑަން ހުޅުވާލެއްވި ހުރިހާ މައުލޫއަކަށް ލޫލާ، އާދެ ލައްބަ ވިދާޅު ނުވި ކަމަށް ޚަބަރުތައް ބުނެ އެވެ.

ޔުކްރޭން ހަނގުރާމަ ނިންމުމަށްޓަކައި ސުލްހަ ގާއިމުކުރުމަށް ލޫލާ ހުށަހެޅުއްވި ނަމަވެސް ބައިޑަންގެ ސަރުކާރުން މިކަން ގަބޫލުނުކުރެއްވި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ދެ ލީޑަރުންގެ މަޝްވަރާތަކުގައި ސިނާއީ މަސައްކަތްތެރިކަމުގެ ސަބަބުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ވަނީ ހިމަނާފަ އެވެ. އަދި ގައުމުތަކުގައި ސަރުކާރަށާއި ރައްޔިތުންނަށް އޮންނަ ރައްކާތެރިކަމާ ބެހޭ ގޮތުންވެސް ދެ ލީޑަރުން މަޝްވަރާކުރެއްވި އެވެ.

މިއީ ބެލެވޭ ގޮތުގައި ބްރެޒިލްގެ ވެރިކަމަށް ލޫލާ ވަޑައިގަތުމާ ގުޅިގެން އެ ގައުމުގެ އިދިކޮޅު ހަރަކާތްތަކުން ހިންގި ހަމަނުޖެހުންތަކަށް ރިއާޔަތްކޮށް ދެއްކެވި ވާހަކަތަކެކެވެ.

އެމެރިކާގައި 2020 ގައި އޮތް ރިޔާސީ އިންތިހާބަށް ފަހު ކުރިން ވެރިކަންކުރި ސަރުކާރުން ބައިޑަން ސަރުކާރަށް ޕްރެޝަރު ކުރެއްވި ކަމަށް ވިދާޅުވެ ބައިޑަން ވިދާޅުވީ ބްރެޒިލް އަށާއި އެމެރިކާއަށް ވެސް -- އިދިކޮޅު ލީޑަރުންގެ ފަރާތުން ކުރިމަތިވި ހާލަތްތައް ރައްކާތެރި ނޫން ކަމަށެވެ.

ބްރެޒިލްގައި ހިނގައި ދިޔަ ހާދިސާތަކުގައި އެމެރިކާ އިން ދިން އެއްބާރުލުމާއި ބެހެއްޓި ގާތް ކަމަށް ބައިޑަންއަށް ލޫލާ ޝުކުރު އަދާކުރެއްވި އެވެ.

މި ބައްދަލުވުމުގައި ބްރެޒިލް އާއި އެމެރިކާ ގުޅިގެން ސަރަހައްދީ ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށްވެ އެވެ. އަދި އިގުތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން ދެ ގައުމަށް ވެސް އެއްބާރުލުން ދެވިދާނެ ކަމަށް ދެ ލީޑަރުން ވިދާޅުވި އެވެ.

ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ލޫލާ ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމަ ނިންމައި ގައުމުތައް ސުލްހަކުރުމަކީ ވަރަށް ބޮޑު އެދުމެކެވެ.

އޭނާ އަދި ވިދާޅުވީ ވަކި ކޮޅަކަށް ނުޖެހޭ ގައުމުތަކުން ޔުކްރޭންގައި ސުލްހަ ގާއިމުކުރަން ނުކުންނަން ވެއްޖެ ކަމަށާއި ބްރެޒިލް އޮތީ އަތާއި އަތް ގުޅާލާ ގޮތަށް ކަމަށެވެ.