ބޮލީވުޑް

އަދިތްޔަ ޗޯޕްޅާގެ "ބޭފިކްރޭ" ޑިސެމްބަރުގައި ރިލީޒްކުރަނީ

Jan 28, 2016

މަޝްހޫރު ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު އަދިތްޔަ ޗޯޕްޅާ ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ފިލްމެއް ޑައިރެކްޓްކުރާކަން އިއުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ރަންވީރު ސިންގް އާއި ވާނީ ކަޕޫރު ލީޑްރޯލުގައި ހިމަނައިގެން އުފައްދާ މި ފިލްމު، "ބޭފިކްރޭ" އަކީ ލޯބީގެ ފިލްމެކެވެ.

ޕެރިސްގައި ޝޫޓްކުރުމަށް ހަމަޖެހިފައިވާ މި ފިލްމު އަންނަ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހު ރިލީޒްކުރާނެ ކަމަށް ޔާޝް ރާޖްސްއިން ވަނީ ބުނެފަ އެވެ.

ޔާޝް ރާޖްސްއިން އާންމުކޮށްފައިވާ ވީޑިއޯއެއްގައި މި ފިލްމު ރިލީޒްކުރާ ދުވަސް އިއުލާންކުރީ ފިލްމުގެ ދެތަރިން ކަމަށްވާ ރަންވީރާއި ވާނީ އެވެ. މި ފިލްމުގެ ލީޑްތަރިން ހަމަޖެއްސިކަން ވެސް ޔާޝް ރާޖްއިން ހާމަކޮށްފައިވަނީ މިތަރިން ފެނިގެންދާ ވީޑިއޯއަކުންނެވެ.

"ބޭފިކްރޭ" ކިޔާ މި ފިލްމު އަދިތްޔަ އިއުލާންކޮށްފައިވަނީ އޭނާގެ ބައްޕަ ޔާޝް ޗޯޕްޅާގެ 83 ވަނަ އުފަންދުވަހު އެވެ. މި ފިލްމު އުފައްދަން ނިންމާފައިވާކަން ހާމަކުރަމުން އަދިތްޔަ އޭނާ ފޭސްބުކް ޕޭޖްގައި ވަނީ މި ފިލްމަކީ އޭނާ މިހާތަނަށް އުފައްދާ އެންމެ ރިސްކް ބޮޑު އަދި އެންމެ ޒުވާން ފިލްމު ކަމަށް ބުނެފަ އެވެ.

އެޕްރީލް މަހުގެ ތެރޭގައި ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ މި ފިލްމުގެ އެންމެ ފުރަތަމަ ނެގުމަށް ހަމަޖެހިފައިވަނީ ފިލްމުގެ ލަވަތަކެވެ. އަދި އެއަށްފަހު ފިލްމުގެ މަންޒަރުތައް ނެގަން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ ތެރޭގަ އެވެ. މި ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް އަދިތްޔަ ފަށާފައިވަނީ އޭނާ ޑައިރެކްޓްކުރި އެންމެ ކާމިޔާބު ފިލްމު "ދިލްވާލޭ ދުލްހަންޔާ ލޭޖާއެނގޭ" އަށް ވިހި އަހަރު ފުރުނު ދުވަހު އެވެ.

ހަތް އަހަރުގެ މެދުކެންޑުކަމަށް ފަހު އަދިތްޔަ ޑައިރެކްޓްކުރާ މި ފިލްމުގެ ކުރިން އެންމެފަހުން އޭނާގެ ޑައިރެކްޓްކޮށްފައިވަނީ ޝާހްރުކް ޚާން އާއި އަނުޝްކާ ޝަރްމާ ލީޑްރޯލުން ފެނިގެން ގޮސްފައިވާ "ރަބްނޭ ބަނާދީ ޖޯޅީ" އެވެ.

"ބޭފިކްރޭ" އަކީ ސުޕަސްޓާ ޝާހްރުކް ތަރިއެއްގެ ގޮތުގައި ނުހިމަނައި އަދިތްޔަ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމުވެސްމެ އެވެ.