މޯލްޑިވިއަން އައިޑޮލް

އަނެއްކާވެސް ސޭމްއެއް، އެކަމަކު ސޭމް ވާހަކައެއް ނޫން!

މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ އެޕިސޯޑުން ފެނުނު ސެކިއުރިޓީ ގާޑް ހަނދާން އެބަހުރި ހެއްޔެވެ؟ ނޫނީ "އިއްބެ މަ ދެކެ ހިންހަމަ ނުޖެހެންޔާ ވެސް ބުނެބަލަ" މި މަންޒަރު ހަނދާން އެބަހުރިއްޔެވެ. ބައިވެރިންގެ މިފަދަ ވާހަކަތައް ހޯދައި، ތަފާތު ކެރެކްޓާސްތައް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޓީމުގެ އެކަކަކީ ސޭމެކެވެ. މީގެ ކުރިން ވެސް ސޭމެއްގެ ވާހަކަ ގެނެސްދެވިއްޖެ އެވެ. އެކަމަކު މިއީ އަދި މުޅިން ތަފާތު ހުނަރެކެވެ.

މިދިޔަ ހަފުތާގެ ހުކުރު އަދި ހޮނިހިރު ދުވަހު ޓީވީއެމްއިން ދެއްކި މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަންގެ ފުރަތަމަ ދެ އެޕިސޯޑުން އެންމެ ތަފާތު ކަމެއްގެ ގޮތުގައި ފެނުނީ ބައިވެރިންނާއި އެ ބައިވެރިންގެ ވާހަކަތަކެވެ. މި ވާހަކަތައް ބެލުންތެރިންނާ ހަމައަށް ނެރެދިނީ ސޭމެވެ.

ޝޯއަށް ޕީއެސްއެމް އެކުލަވާލާފައިވާ ޓީމްގެ އެންމެ މުހިންމު އެއް ބައިވެރިޔާ ކަމަށްވާ ސަމްހާން ހަމީދު (ސޭމް) އަކީ ޓީވީއެމް ގެނެސްދީފައިވާ ތަފާތު ޕްރޮގްރާމްތަކެއް އުފައްދައި ބެލެންތެރިންގެ އިތުބާރު ހޯދާފައިވާ ޕްރޮޑިއުސަރަކެވެ. ޕީއެސްއެމްގައި ވަޒީފާ އަދާކުރާތާ ތިން އަހަރުވެފައިވާ ސޭމް އައިޑޮލްގައި މަސައްކަތް ކުރަނީ އެސިސްޓެންޓް ޑިރެކްޓަރު އަދި ރިއަލިޓީ ޕްރޮޑިއުސަރެއްގެ ގޮތުގަ އެވެ.

ފުރަތަމަ އައިޑޮލް މި ވާހަކައެއް ހަވާސާއަށް ޖައްސާލާފައި ސޭމްގެ މާ ކުރީގެ ވާހަކައަކުން ފަށައިގަންނަމާ ހިނގާށެވެ. ސޭމްއަކީ މެލޭޝިއާއިން ތައުލީމް ހާސިލުކުރުމަށްފަހު ރާއްޖެ ޓީވީ ވުޖޫދަށް އައި ދުވަސްވަރު އެ ޓީވީ ސްޓޭޝަންގައި އިންޓާނެއްގެ ގޮތުގައި މަސައްކަތްކުރި ޒުވާނެކެެވެ. އެއަށްފަހު މީގެ ތިން އަހަރު ކުރިން ސޭމް ގުޅުނީ ދައުލަތުގެ ޓީވީ، ޓީވީއެމްއާ އެވެ. ޓީވީއެމްއިން ގެނެސްދިން ޕްރޮގްރާމްތައް ސޭމް އުފައްދާފައިވެ އެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވެނީ ރާއްޖޭގެ އެއްކޮޅުން އަނެއް ކޮޅަށް ކެމެރާއާ އެކު ކުރި އާދަޔާހިލާފުދަތުރު، "ކަނޑު މަގުން" ޑޮކިއުމެންޓްރީ އާއި ކުރު ފިލްމް މުބާރާތް "ފޯކަސް" އަދި މިދިިޔަ އަހަރުގެ ރޯދަ މަހު ގެނެސްދިން "ހުސްބުޅި" ޕްރޮގްރާމެވެ. މި ނަންތައް އަޑު އިވުމުން ވެސް ސޭމްގެ ހުނަރުވެރިކަމާއި ކުޅަދާނަކަން ވަޒަންކޮށްލެއްވޭނެ އެވެ.

ދެން ސޭމް މޯލްޑިވިއަން އައިޑޮލްގައި ކުރާ މަސައްކަތްތައް ޖެހިލާނަމެވެ. އެ ވާހަކަތައް ހިއްސާކުރީ ސޭމް އެވެ.

"އޮޑިޝަންތަކަށް ކުދިން އަރާއިރު އެ ކުދިންނާ އިންޓަވިއުކޮށް ބެކްގްރައުންޑް ސްޓޯރީއެއް ހޯދައި، އެ ކެރެކްޓާއަކީ ކާކުތޯ ބަލާ، ސްޓޯރީއެއް ބިލްޑްކޮށް ޓީވީން ގެނެސްދޭނީ ކިހިނެއްތޯ ވިސްނާ، ކެރެކްޓާއެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުން،" ސޭމް ބުންޏެވެ.

ސޭމްގެ މި މަސައްކަތަކީ ފަސޭހަ މަސައްކަތަކަށް ނުވާނެކަން ޔަގީނެވެ. އައިޑޮލަށްވުމަށް އެތައް ސަތޭކަ ކުދިން އޮޑިޝަންތަކުގައި ބައިވެރިވެފައިވާއިރު އެ ކުދިންނާއެކު ވަގުތު ހޭދަކޮށް، ކުދިންގެ ވާހަކަތައް ހޯދުމަކީ ގައިމުވެސް ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ސޭމް މި މަސައްކަތްކުރީ ވަރަށް ކުރާ ހިތުންނެވެ. އާ އެއްޗެއް ދަސްވާނެކަމުގެ ޔަގީންކަމާއެކުގައެވެ.

ބެލުންތެރިންނާ ހަމައަށް ޝައުގުވެރި ބައިވެރިން ގެނެސްދިނުމަށް ސޭމް ކުރި މަސައްކަތުގެ ނަތީޖާ ރަނގަޅު ކަމަށް ބުނެވެން އެބަ އޮތެވެ. އެއީ އޮޑިޝަންތަކަށް ލިބުނު ތަރުހީބާއި ޝައުގުވެރިކަމާއެކު ޝޯ ބެލުނީ ބައިވެރިންގެ ވާހަކަތަކުން ކަމަށްވާތީއެވެ.

"ޓީވީއިން މި ފެންނަނީ އިންޓްރަސްޓިން ކްރެކްޓާތަކެއް، އެއްވެސް މީހަކު ބަލާކަށް ބޭނުމެއް ނުވާނެ ކަންނޭނގެ ސްޓޯރީއެއް ނެތް ކުދިންތަކެއް، މިއީ މިޔުޒިކް ޝޯއެއްގެ އިތުރުން ރިއަލިޓީ ޝޯއެއް، އެހެންވީމާ ކޮންމެވެސް ވަރަކަށް އެއީ ކާކުތޯ އެނގެންޖެހޭނެ،" ސޭމް ބުންޏެވެ.

ބައެއް ކުދިންގެ ފަރާތުން ވާހަކައެއް ހޯދުމަކީ ފަސޭހަ ކަމަކަށްވެދާނެ އެވެ. އަދި ބައެއް ކުދިންގެ މިޒާޖަކީ ޝައުގުވެރި މިޒާޖަކަށް ވެސްވެދާނެ އެވެ. ނަމަވެސް ސޭމްއާ ދިމާވަނީ ހުސް މިދަފަ ކުދިންނެއް ނޫނެވެ. މިޒާޖުގެ ގޮތުން އެ ކުއްޖާގެ ކެރެކްޓާ ދެނެގަންނަ އުނދަގޫ ކުދިންނާއި އެކުދިންގެ ފަރާތުން ތަފާތު ވާހަކައެއް ހޯދަން އުނދަގޫ ކުދިންނާ ސޭމްއަށް ވަނީ ބައްދަލުވެފައެވެ. އެފަދަ ހާލަތްތަކުގައި ވެސް ސޭމް މަސައްކަތް ކުރީ ކެތްތެރިކަމާއެކު މަސައްކަތްތައް އިހުތިރާމް ކުރަމުންނެވެ.

"އޮޑިޝަނުން ހޮވޭ، ލަވަ ކިޔޭ ކުދިންގެ އެބަ ދައްކަން ޖެހޭ މޮޅު ސްޓޯރީއެއް އެހެންވީމަ ވަރަށް އުޅެގެން ބައެއް ފަހަރަށް ސްޓޯރީއެއް ނުވެސް ނިކުމޭ އެކަމަކު ވަރަށް އުޅެގެން ތަފާތު އޭންގަލްތަކުން 20 މިނެޓްސް 30 މިނެޓްސް އެކުދިންނާ ވާހަކަ ދައްކައިގެން ކޮންމެވެސް ކަހަލަ އެއްޗެއް އެބަ ނެރެން ޖެހޭ، އެއީ ޕޮޓެންޝިއަލް އައިޑޮލްއަކަށް ވެވޭނެ ކުއްޖެއްކަން ދައްކަން އެބަޖެހޭ، އޭނައަކީ ކާކުކަން ބެލުންތެރިންނަށް ގެނެސްދޭން އެބަޖެހޭ،"

"އައްޑޫއިން ކުޅުދުއްފުށްޓާ ހަމައަށް 300 އެއްހާ ކުދިންނާ އިންޓަވިއު ކުރެވިފައިވަނީ، އެއީ ކުރިން ނުލިބޭ ތަޖުރިބާއެއް، ކުދިންގެ ފަރާތުން ސްޓޯރީ ނެރެން ދަސްވި،"

އޮޑިޝަންތައް މިހާރު ވަނީ ނިމިފައެވެ. ސުވާލަކީ މި ހިސާބުން ސޭމްގެ މަސައްކަތް ނިމުނީ ހެއްޔެވެ؟ ނޫނެކެވެ. އަދިވެސް ސޭމްގެ ތަފާތު މަސައްކަތް އައިޑޮލްގައި ކުރިއަށް އޮތީ އެވެ.

"ދެން އޮންނާނީ ތިއޭޓާ ރައުންޑް، ތިއޭޓާ ރައުންޓްގަ ގްރޫޕް ޕާފޯމެންތަކާއި އިންޑްވިޖުއަލް ޕާފޯމެންސްތައް ފެންނާނެ، އޭގެ ތެރޭގައި ހޮވިފަ ތިބި ކުދިން އެކަކު އަނެއްކަކާއެކު އުޅޭގޮތް އެއީ ވެސް ހަމަ ކެރެކްޓާއެއްގެ ގޮތުގައި ދައްކާލެވޭނެ އެއްޗެއް ބެލުންތެރިންނަށް، އޭނަ ޑީލްކުރަނީ ކިހިނެއްތޯ އޭނަގެ އެޓިޓިއުޑް ހުންނަނީ ކިހިނެއްތޯ، ތިއޭޓަރާ ރައުންޑްގަ ފެންނާނީ ބައިވެރިން ޓީމްގައި މަސައްކަތްކުރާ ގޮތާއި ސޯލޯކޮށް މަސައްކަތްކުރާ ގޮތް،" ތިއޭޓާ ރައުންޑްގައި ސޭމްގެ މަސައްކަތް ކިޔައިދިނެވެ.

މޯލްޑިވިއަން އައިޑޮލްއަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޝޯއެވެ. ޕީއެސްއެމްގައި ވަޒީފާ އަދާކުރަމުންދާތީ، ސޭމްއަށް މި ފުރުސަތު ލިބުނު ނަމަވެސް ފުރުސަތު އޭނާއަށް ހައްގުވީ އޭނާގެ ހުނަރުވެރިކަމުގެ ސަބަބުންނެވެ. އަދި މިފަދަ ޝޯއެއްގެ ސަބަބުން ހުނަރުވެރި ޒުވާނެއްގެ ހުނަރަށް އިތުރު ޗާލު ކަމެއް އަންނާނެ ކަމާމެދު ޝައްކެއް ނެތެވެ.

"މިކަހަލަ ބޮޑު ޕްރޮޖެކްޓެއްގައި މަސައްކަތް ކޮށްފައެއް ނޯންނާނެ، ބޮޑަށް އިންޓްރަސްޓް ހުންނަނީ ޑޮކިއުމެންޓްރީ ހެދުމަށް، މިވެސް ތަޖުރިބާއެއް، އެހާ ބައިވަރު ކުދިންނާއެކު ބޮޑު ޓީމާއެކު ވަރަށް ގިނަ އެއްޗެހި ދަސްވަމުން މިދަނީ ހަމަ ކޮންމެ ދުވަހަކުވެސް،" ސޭމް ބުންޏެވެ.

އައިޑޮލްއިން ފެންނާނެ ހުނަރުވެރި ކުދިން އެންމެ ފުރަތަމަ ބަދަލުކުރާނެ އެކަކަށް ވާނީ ސޭމް އެވެ. އަދި އެކުދިންގެ ހުނަރު އެންމެ ފުރަތަމަ ފެންނަ މީހަކަށް ވެސް ވާނީ ހަމަ ސޭމް އެވެ. އެހެންކަމުން ކުރިއަށް އައިޑޮލްއިން ފެންނާނެ ހުނަރުތަކާ ގުޅޭގޮތުން ސުވާލުކޮށްލުން އެންމެ ރަނގަޅުވާނީ ވެސް ސޭމްއާ ކަމަށް ދެކެމެވެ.

"ފުރަތަމަ ޝޯއަށް ތަރުހީބު ލިބިގެން މިދިޔައީ ކުރިއަށް އޮތްތާ ވެސް އެބަހުރި ވަރުގަދަ ޓެލެންޓް، ޔަގީނުންވެސް ވަރަށް ޓެލެންޓެޑް ކުދިން ފެނިގެންދާނެ، ހަމައެކަނި އައިޑޮލްއެއް ނޫން ޓޮޕް ފައިވް ވެސް ލަވަކިޔުމުގެ ދާއިރާގައި ކުރިމަގުގައި ފިޔަޖަހާނެ ކުދިންނަށް ވާނެ،"