ބޭރު ކުޅިވަރު

ޕަޓޯ ޗެލްސީ އަށް

މީގެ އަހަރުތަކެއް ކުރިން ވިދާލި ނަމަވެސް އަނިޔާގެ މައްސަލަތަކާހުރެ ވިދުން ފަނޑުވެފައިވާ ބްރެޒިލްގެ ފޯވަޑް އެލެގްޒެންޑާ ޕަޓޯ ޗެލްސީ އަށް ބަދަލުވެއްޖެ އެވެ.

އުމުރުން 17 އަހަރުގައި އޭސީ މިލާނަށް ބަދަލުވެ އެކުލަބުގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އެންމެ ފަހުން ކުޅުނު 21 މެޗުގައި އެންމެ ގޯލެއް ޖެހުމުން އެކުލަބުން އޭނާ ދޫކޮށްލީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން ޕަޓޯ ކުޅެމުން އައީ ބްރެޒިލްގެ ކޮރިންތިއަންސް އަށެވެ. އޭނާ ޗެލްސީއާ މި ގުޅުނީ މި ސީޒަނުގެ ނިޔަލަށް ލޯނު އުސޫލުންނެވެ.

ޗެލްސީ އަށް ބަދަލުވުމަށް އިނގިރޭސިވިލާތުގެ ރަސްމީ ހީތްރޯ އެއާޕޯޓަށް އައުމަށްފަހު ޕަޓޯ ބުނީ ޗެލްސީއަކީ އޭނާގެ ދެ ވަނަ ގެ ކަމަށެވެ.

"އަހަރެން ހަގީގަތުގައި ވެސް ޗެލްސީ އަށް ކުޅެން ބޭނުން. އަހަރެން މިހުރީ ކުޅޭހިތުން. އަހަރެން މިހުރީ ވަރަށް އުފާވެފައި،" އުމުރުން 26 އަހަރުގެ ޕަޓޯ ބުންޏެވެ.

ބްރެޒިލެގް ގައުމީ ޓީމަށް ކުޅުނު 25 މެޗުގައި 10 ގޯލު ޖެހި ޕަޓޯ އަކީ ލަންޑަން އޮލިމްޕިކްސް ކާމިޔާބު ކުރި ބްރެޒިލް ޓީމުގެ ކުޅުންތެރިއެކެވެ.