ދުނިޔެ

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ތުރުކީގައި

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ތުރުކީއަށް ވަޑައިގެން އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ ބައްދަލުކުރައްވައިފި އެވެ.

ދެ ލީޑަރުންގެ މި ބައްދަލުކުރެއްވުމާ ބެހޭ މާބޮޑު ތަފުސީލެއް ތުރުކީ އޮފިޝަލުން ނުދެއްވަ އެވެ. ވިދާޅުވީ ދެ ލީޑަރުންގެ މަޝްވަރާތައް ބޭއްވީ އިތުރު އެއްވެސް މީހަކަށް ދައުވަތެއް ނެތް ގޮތަށް ކަމަށެވެ.

އަންވަރު އިބްރާހީމް ތުރުކީއަށް މި ވަޑައިގަތީ ޖެހިޖެހިގެން ތުރުކީއަށް އަައި ބާރުގަދަ ދެ ބިންހެލުމެއްގައި މުޅި ގައުމު ކަރުނާގައި ވަނިކޮށެވެ.

ބިންހެލުމުގެ ސަބަބުން ތުރުކީން 40،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މިހާރު އޮތް ބިރަކީ މި އަދަދު 50،000 ފަހަނައަޅައި ހިނގައިދާނެ ކަމަށް ބެލެވިފައި އޮތުމެވެ.

ތުރުކީ އަށާއި ސީރިއާއަށް އައި ބިންހެލުމުގައި ގެއްލުން ލިބުނު މީހުންނަށް މެލޭޝިއާ އިން ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމަށް އަންވަރު ވަނީ ކުރިން ވިދާޅުވެފަ އެވެ. އެހެންނަމަވެސް އަންވަރުގެ މި ދަތުރަކީ ބިންހެލުމާ ގުޅިގެން ކުރެއްވި ދަތުރެއްކަން އޮފިޝަލުން ސާފުކޮށެއް ނުދެއްވަ އެވެ.

ދުނިޔޭގެ ގައުމުތަކުން ތުރުކީ އަށާއި ސީރިއާއަށް އެހީތެރިކަން އޮއްސަމުން ދާއިރު އަވަށްޓެރި އިންޑިއާއިން ވެސް ވަނީ -- މުޅި އިންޑިއާ އޮތީ ތުރުކީއާ އާއި ސީރިއާ އާއެކު ކަމަށް ބުނެފަ އެވެ.

ދިވެހިރާއްޖެއިން ވެސް ތުރުކީ އަށާއި ސީރިއާއަށް -- ރާއްޖޭގެ ނިސްބަތުން ބޮޑެތި އެހީތައް ދަނީ ޖަމާކުރަމުންނެވެ. މަސްދަޅާއި ފައިސާ ވެސް މި އެހީގައި ހިމެނެ އެވެ.

އަންވަރު އިބްރާހީމް އަކީ ތުރުކީއާ ވަރަށް ގާތް ބޭފުޅެކެވެ. އޭނާގެ ބޭސްފަރުވާއަށް މީގެ ކުރިން ކިތަންމެ ފަހަރަކު ތުރުކީއަށް ވަޑައިގެން ވަނީ ޑޮކްޓަރުންގެ ލަފާ ހޯއްދަވާފަ އެވެ.