ޒިކާ ވައިރަސް

ޒިކާ ވައިރަސް އަށް ސްކްރީން ކުރަން އަދި ނުފަށަން: އެޗްޕީއޭ

ރާއްޖޭގައި ޒިކާ ވައިރަހުގެ އަލާމަތެއް އުޅޭތޯ ބެލުމަށް ސާވޭ ހަދަން އަދި ނުފެށޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ އިން ބުނެފި އެވެ. ހެލްތު ޕްރޮޓެކްޝަން އެޖަންސީ އިން މިހެން ބުނީ ރާއްޖޭއިން ދިޔަ ފަތުރުވެރިޔެއްގައިން ޒިކާ ވައިރަސް ފެނުން މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ.

އެގޮތުން މި ދިޔަ ހަފްތާގެ އާދިއްތަ ދުވަހު ބެންކޮކްގެ އާމްޑް ފޯސަސް ރިސާޗް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެފްރިމްސް)ގެ ޓީމެއް ވަނީ ރާއްޖެ އައިސް ޒިކާ ވައިރަހުގެ އަލާމާތެއް ހުރިތޯ ބެލުމުގެ މަސައްކަތް ފަށައިފަ އެވެ.

"އަވަސް" އާ ވާހަކަ ދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ހެޑްއޮފް ސަވައިލެންސް އިބްރާހިމް ނިޝާން އަހުމަދު ވިދާޅުވީ ބެންކޮކްގެ ޓީމުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ރާއްޖޭގައި ޒިކާ ވައިރަސް ހުރިތޯ ބެލުމަށް ސާވޭ ކުރާނެ ގޮތާއި ނުވަތަ ސާވޭ ކުރާނެ ދިމަ ދިމާލު ދެނެގަތުން ކަމަށާއި އަދި ޒިކާ ވައިރަސް އުޅޭތޯ ބެލުމަށް ސްކްރީނިން ނުފެށޭ ކަމަށެވެ.

"އޮފިޝަލީ މިމަސައްކަތެއް ނުފެށޭ. މި ހަފްތާ ތެރޭގައި އަޅުގަނޑުމެން މިކުރަމުން އައީ އިނިޝިއަލް ސްޓޭޖުގެ މަސައްކަތްތައް. އެހެން ނަމަވެސް މިއަދު އެންމެ ފަހު ބައްދަލުވުމަށް ފަހު މި ސާވޭ ފަށާނެ ދުވަހެއް ކަނޑައަޅާނެ،" ނިޝާން ވިދާޅުވި އެވެ.

ބެންކޮކްގެ ޓީމުން ރާއްޖޭގައި ހަދައި މިސާވޭއަށް އަލިއަޅުވާލައި ނިޝާން ވިދާޅުވީ މި ސާވޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ޓީމުން ދަތުރު ކުރާނެ ކަމަށާއި އަދި މީހުންގެ ގައިން އެބަލީގެ އަލާމާތާއި ގުޅޭ ކަމެއް ހުރިއްޔާ ސާމްޕަލް ނަގައި ޓެސްޓުތައް ހަދަން ފޮނުވާނެ ކަމަށެވެ.

ޒިކާ ވައިރަސް އަކީ ޑެންގީ އާއި އެއް އާލައިލާއެއްގެ ވައިރަސް އެކެވެ. އެބަލީގެ އަލާމާތްތައް ޑެންގީގައި ފެންނަ ފަދައިން ހުން އައުމާއި ގައިގަ ރިއްސުމާ ހަމުގައި ރަތް ކުލައިގެ ބިހިތައް ނެގުމާއި ލޯ ރަތްވުމާއި ހުޅުހުޅުގަޔާއި ބޮލުގައި ރިއްސުން ހިމެނެއެވެ. އެގޮތުން މި ވައިރަސް މިހާރު އެންމެ ބޮޑަށް ފެތުރިފައިވާ ވަނީ ބްރެޒިލްގަ އެވެ. ޒިކާ ވައިރަސް ދުނިޔޭގައި ފެތުރެން ފެށީ މިދިޔަ އަހަރުގެ މޭ މަހު އެވެ. ވަރަށް ހަލުވި ދުވެލީގައި އެ ވައިރަސް އަންނަނީ ފެތުރެމުންނެވެ.