ލައިފްސްޓައިލް

އިނގިރޭސިވިލާތު މީހަކު 50 އަހަރު ފަހުން ޕީއެޗްޑީ ހާސިލުކޮށްފި

އިލްމު އުނގެނުމަކީ ހަޔާތުގެ ކޮންމެ މަރުހަލާއެއްގައި ވެސް ކުރަން ޖެހޭނެ ކަމެކެވެ. ވަކި އެއްޗެއް ކިޔެވުމުގެ ހުވަފެން ދެކޭނަމަ އުމުރުން ދުވަސްވިޔަސް އެ ހުވަފެނެއް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރުން މުހިއްމެވެ. ކިޔަވާކަށް ވަކި އުމުރެއް ނޯވެ އެވެ. ވީމާ އުމުރުން ކިތަންމެ ދުވަސް ވިޔަސް ކިޔަވާ ހިތް އޮތިއްޔާ ކިޔެވުމަކީ ވަރަށް ބުއްދިވެރި ކަމެކެވެ.

އިނގިރޭސި ވިލާތުގެ ފިރިހެނަކު ވަނީ ޕީއެޗްޑީ (ޑޮކްޓާ އޮފް ފިލޯސަފީ) ހާސިލުކުރަން އޭނާ ދުށް ހުވަފެން ހަގީގަތަކަށް ހަދާފަ އެވެ.

ޕީއެޗްޑީ ހާސިލުކޮށްފައިވާ އެހެން މީހުންނާއި މި މީހާގެ ހުރި ހަމައެކަނި ތަފާތަކީ މި މީހާއަށް ޕީއެޗްޑީ ހާސިލުކުރަން 50 އަހަރަށް ވުރެ ގިނަ ދުވަސް ނެގި ކަމެވެ.

ބީބީސީގައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުގައި ޑރ. ނިކް އެކްސްޓަން ޕީއެޗްޑީ އަށް ކިޔަވަންފެށީ 1970 ވަނަ އަހަރު އެވެ. އާއްމުކޮށް ޕީއެޗްޑީ ޕްރޮގްރާމެއް ފަސް އަހަރު ނުވަތަ ހަ އަހަރުން ފުރިހަމަ ކުރެވެ އެވެ. ނަމަވެސް އުމުރުން 76 އަހަރުގެ ޑރ. އެކްސްޓަން އަށް މި ޕްރޮގްރާމް ފުރިހަމަ ކުރެވުނީ އޭގެ 50 އަހަރު ފަހުންނެވެ.

މެތެމެޓިކަލް ސޯޝިއޮލޮޖީގެ ރޮނގުން ޕީއެޗްޑީ ހާސިލުކުރުމަށް ޔުނިވަސިޓީ އޮފް ޕިޓްސްބާގަށް ވަނުމަށް ޑރ. އެކްސްޓަން އަށް 1970ގައި ފުލްބްރައިޓް ސްކޯލަޝިޕެއް ލިބުނެވެ. ނަމަވެސް އޭގެ ފަސް އަހަރު ފަހުން އޭނާ އެނބުރި އިނގިރޭސި ވިލާތަށް ދިޔައީ ކޯސް ފުރިހަމަ ނުކޮށެވެ.

އޭގެ ފަހުން 2016 ގައި އަނެއްކާވެސް ޕީއެޗްޑީއަށް ކިޔަވަން ޑރ. އެކްސްޓަން ބޭނުންވެގެން ޔުނިވަސިޓީ އޮފް ބްރިސްޓަލްގެ އެމްއޭ އިން ފިލޯސަފީ ޕްރޮގްރާމްގައި ބައިވެރިވީ އެވެ. އޭރު އޭނާގެ އުމުރުން 69 އަހަރެވެ. އަދި 75 އަހަރުގައި އޭނާއަށް ވަނީ ޕީއެޗްޑީ ހާސިލު ކުރެވިފަ އެވެ.

ޔުނިވަސިޓީ އޮފް ބްރިސްޓަލް އިން ޑޮކްޓަ އޮފް ފިލޯސަފީ ޑިގްރީ ޑރ. އެކްސްޓަން އާ ހަވާލުކޮށްފައިވަނީ 2023ގެ ފެބްރުއަރީ 14 ވަނަ ދުވަހު އެވެ.

ޑރ. އެކްސްޓަން އަށް ޕީއެޗްޑީ ހަވާލުކުރި ރަސްމިއްޔާތުގައި އޭނާގެ އަންހެނުން ކްލެއާ އެކްސްޓަން އާއި ކާފަ ދަރިފުޅު ފްރެޔާ ބައިވެރިވި އެވެ.