ހަބަރު

އޯލެވެލް އަދި އޭލެވެލް ނިންމި ދަރިވަރުންނަށް ކްލިކް ކޮލެޖުން ވޯކްޝޮޕެއް

ކްލިކް ކޮލެޖުން ހިންގާ ވޯރކްޝޮޕް ސީރީޒްގެ ފުރަތަމަ ވޯރކްޝޮޕް އަންނަ ހޮނިހިރު ދުވަހު (30.1.2016) އޮންނާނެއެވެ. ވޯރކްޝޮޕް ކުރިއަށް ދާނީ 2:30 އިން 5:00 އަށެވެ. މި ސީރީޒްގެ ފުރަތަމަ ވޯރކްޝޮޕްގައި މަޢުލޫމާތު ދޭނީ ކެރިއަރ ގައިޑެންސް އާ ބެހޭގޮތުންނެވެ.

މި ވޯރކްޝޮޕަކީ އޯލެވެލް އަދި އޭލެވެލް ނިންމި ދަރިވަރުންނާއި އަދި ކެރިއަރ ގައިޑެންސް ބޭނުންވާ ބޭފުޅުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ވޯރކްޝޮޕެކެވެ. މި ވޯރކްޝޮޕްގެ މަގުސަދާ ގުޅޭގޮތުން ކްލިކް ކޮލެޖުން ބުނީ ދަރިވަރުންނަށް އަމިއްލައަށް ކެރިއަރ ޑެވެލޮޕް ކުރާނެގޮތް ދަސްކޮށްދިނުމާއި، ވަޒީފާގެ ފުރުސަތުތަކުގެ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމާއި، މަސައްކަތުގެ ތަފާތު ދާއިރާތަކާއި، ތައުލީމީ ގޮތުން ކުރިއަށް ދިއުމަށް ހުރި ފުރުސަތު ތަކާއި، ކުދިންނަށް އެކުދިންގެ ހުނަރުތައް ދެނެގަތުމަށާއި، ކެރިއަރ ޑެވެލޮޕް ކުރުމަށް ހުރި ގޮންޖެހުންތަކާއި މިފަދަ އެކިއެކި މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.

އޯލެވެލް އަދި އޭލެވެލް ނިންމުމަށް ފަހު ވަރަށް ގިނަ ދަރިވަރުން ކުރިއަށް ދާނެ ދާއިރާއެއް ނޭނގިފައި ތިބޭ ކަމަށާއި މި ވޯރކްޝޮޕުން އެފަދަ ދަރިވަރުން ކުރިއަށް ދާނެ ދާއިރާއެއް ނިންމުމަށާއި ކެރިއަރ އާއި މެދު ވިސްނަން ޖެހޭ ސަބަބުތަކާއި، ކެރިއަރ އަކީ ކޮބައި ކަމާއި، ޕްރޮފެޝަން އަކީ ކޮބައި ކަމާއި އަދި ކެރިއަރ ބިލްޑް ކުރުމުގައި ވިސްނަންޖެހޭ ކަންތައްތައްވެސް އޮޅުންފިލުވައި ދޭނެ ކަމަށް އެ ކޮލެޖުން ބުންޏެވެ. މި ވޯރކްޝޮޕްގައި މައުލޫމާތު ދޭނީ ކަމާއި ބެހޭ މާހިރުންނެވެ. އޭގެ އިތުރުން އެކި ހަރަކާތްތަކާއި ގްރޫޕް މަސައްކަތްތައްވެސް މި ވޯރކްޝޮޕްގައި ކުރިއަށް ގެންދާނެއެވެ.

ސައުގުވެރިކަން ހުރި ކޮންމެ ދަރިވަރަކަށްވެސް މި ވޯރކްޝޮޕް ގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ކްލިކް ކޮލެޖުން ބުނެއެވެ. ވޯރކްޝޮޕްގައި ބައިވެރިވުމަށް އެއްވެސް ފީ އެއް ދައްކާކަށް ނުޖެހޭނެ ކަމަށާއި އަދި ވޯރކްޝޮޕް ނިމުމުން ބައިވެރިންނަށް ސެރޓިފިކެޓް ހަވާލުކުރެވޭނެ ކަމަށް ކްލިކްއިން ބުންޏެވެ. މި ވޯރކްޝޮޕްގައި ބައިވެރިވުމަށް ނަމާއި ގުޅޭނެ ނަމްބަރު ޖެހުމަށްފަހު 7733469 މި ނަމްބަރަށް މެސެޖް ނުވަތަ ގުޅާލުމަށް ކްލިކް ކޮލެޖުން އެދެއެވެ.