ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

އައްބާސްގެ މައްޗަށް ދައުވާކޮށްފި

Feb 19, 2023

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގައި ހުޅުޖެހުމަށް ގޮވާލުމުގެ ތުހުމަތުގައި އައްބާސް އާދިލް ރިޒާއަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

އައްބާސްގެ މައްޗަށް ދައުލަތުން މިއަދު އުފުލާފައިވަނީ "ފަނާކޮށްފާނެކަމުގެ ބިރުދެއްކުން ދައުވާ" އެވެ.

އައްބާސްގެ މައްޗަށް މިދައުވާ އުފުލާފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ "ކްލަބްހައުސް" ގައި މިދިޔަ ޑިސެމްބަރު 22 ވަނަ ދުވަހު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ޕެޓްރޯލާއި، ވާބުރި ފަދަ ތަކެތި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވާތީ އެވެ.

މީގެއިތުރުން މިދިޔަ ޑިސެމްބަރު 23 ވަނަ ދުވަހު އައްބާސް ބޭނުންކުރައްވާ ޓްވިޓާ އެކައުންޓުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ ޓްވީޓްކުރުމަކީވެސް އައްބާސްގެ މައްޗަށް މިދައުވާ އުފުލި ސަބަބެކެވެ.

އައްބާސްގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާނެ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގައި ހުޅުޖެހުމަށް ގޮވާލުމުގެ ތުހުމަތުގައި މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު އައްބާސް ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް އޭނާގެ މައްސަލަ ތަހުގީގުކޮށް ނިމުމާ އެކު ފުލުހުން ވަނީ މިދިޔަ ޖެނުއަރީ 13 ވަނަ ދުވަހު ދޫކޮށްލާފަ އެވެ.

އައްބާސް އާދިލް ރިޒާއަކީ ރައީސް ވަހީދުގެ ސަރުކާރުގައި ތަރުޖަމާނުގެ ކަމުގެ މަގާމާއި ރައީސް ޔާމީންގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައި ކަސްޓަމްސްގެ ވެރިޔާގެ މަގާމުވެސް ފުރުއްވާފައި ބޭފުޅެކެވެ.