ކްރިމިނަލް ކޯޓް

ޒަޔާންގެ މަރު: ދައުވާއަށް ޖަވާބުދާރީވުން މާޗް 20ގައި

Feb 19, 2023

އައްޑޫ ސިޓީ ފޭދު، މުހައްމަދު ޒަޔާން މޫސާ މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރާ ހަތް މީހުންގެ ޝަރީއަތް ފަށައިފި އެވެ.

އުމުރުން 21 އަހަރުގެ ޒަޔާން މަރާލީ މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މާރާމާރީ ހިންގުމަށްފަހު އެވެ.

ޒަޔާންގެ މަރާ ގުޅިގެން ފުލުހުން ވަނީ 11 މީހަކު ހައްޔަރުކޮށްފަ އެވެ. މީގެތެރޭގައި 15 އަހަރުން ދަށުގެ ދެ ކުއްޖަކާއި 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖަކު ވެސް ހިމެނެ އެވެ.

މައްސަލައިގައި ހިމެނޭ ބޮޑު ހަތް މީހުންގެ ތެރެއިން ދެ މީހެއްގެ މައްޗަށް އުފުލާފައިވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ބާކީ ތިބި ފަސް މީހުންނަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ އެވެ. މީގެ އިތުރުން ޖިނާއީ ކުށެއް ކުރުމަށް ކުޑަކުއްޖަކު ބޭނުންކުރުމުގެ ދައުވާ މި މީހުންގެ މައްޗަށް އުފުލާފައިވެ އެވެ.

މި މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވީ މިދިޔަ ނޮވެމްބަރު 27 ވަނަ ދުވަހު އެެވެ.

ޝަރީއަތުގައިވީ ކިހިނެއް

މައްސަލައިގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވަނީ ދައުލަތުން ދައުވާކުރާ މީހުންނާ ދެކޮޅަށް ކޯޓަށް ހުށަހެޅި ދައުވާ ފޯމުގައި ވެސް 4،000 ސަފްހާ ހިމެނޭ ކަމަށެވެ. އަދި ހެކި ލިސްޓް އަލުން ހުށަހަޅާއިރު ޑީއެންއޭ އެނަލިސިސް ރިޕޯޓަކާއި ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓެއް ހުށަހެޅުމަށް ފުލުހުން ތައްޔާރުވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ދައުލަތުން ގިނަ ހެކިތަކެއް ހުށަހަޅާފައިވާތީ ދައުވާ ލިބޭ މީހުންގެ ވަކީލުގެ ގޮތުގައި މަސައްކަތް ކުރައްވާ ހަމްޒާ ލަތީފް ވަނީ ދައުވާ ލިބޭ މީިހުންނަށް ދައުލަތުގެ ހެކި ލިސްޓާއި އިތުރު ލިޔެކިޔުންތައް ލިބުނުކަން ޔަގީންކުރުމަށް އިދާރީ އަޑުއެހުމެއް ބާއްވައިދިނުމަށް އެދިވަޑައިގެންފަ އެވެ. އެކަމަށް ދައުލަތުންވެސް އިންކާރުކޮށްފައި ނުވާތީ މައްސަލަ ގާޒީ އިސްމާއީލް ޝަފީއު ނިންމެވީ ދައުލަތުން ހުށަހަޅަން ބޭނުންވާ ހެކިތަކާއި ލިޔުންތައް ހުށަހެޅުމަށް ކުރިއަށް އޮތް މާޗް ދެވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދެއްވުމަށެވެ. އަދި އޭގެފަހުން މާޗް 20 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށެވެ.

ގާޒީ ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދިފައިވާތީ 20 ވަނަ ދުވަހު ބާއްވާ އަޑުއެހުމުގައި އެކަމުގައި ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި ދައުވާ ލިބޭ މީހުން އެ ދުވަހު ދައުވާއަށް ޖަވާބުދާރީވުމަށް ތައްޔާރުވެގެން ހާޒިރުވުމަށްވެސް ގާޒީ އެދިވަޑައިގެންނެވި އެވެ.

ޒަޔާންގެ މަރާ ގުޅިގެން ދައުވާ ލިބޭ މީހުން

  • ސ. ފޭދޫ، ކާމަރަނގަގޭ، އަބްދުﷲ ނިޒާރު (28އ)
  • ސ. ފޭދޫ، ދިރިމާގޭ، އަބްދުﷲ ޝިއާއު ރަޝީދު (22އ)
  • ސ. ފޭދޫ، ފުފޫމާގޭ، އައިލިޝް އަލީ (19އ)
  • ސ. ފޭދޫ، ދިރިމާގޭ، އަހުމަދު ޝުއާއު (24އ)
  • ސ. ހިތަދޫ، ކަދުރުމާގޭ، ޔައިޝް އަންވަރު (19އ)
  • ސ. ފޭދޫ، ކަރަންފޫގޭ، އަހްމަދު އަބްދުﷲ (25އ)
  • ސ. ފޭދޫ، ސަންޝައިން، އަހުމަދު ނަބީލު (34އ)

ޒަޔާން މަރާލި މައްސަލައިގައި ދައުލަތުން ވަނީ މިދިޔަ އޮކްޓޫބަރު ހަވަނަ ދުވަހު ކުޑަކުދިން ތަކަކަށްވެސް ދައުވާ އުފުލާފަ އެވެ. މީގެތެރެއިން އެއް ކުއްޖެއްގެ މައްޗަށް ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އަދި އިތުރު ތިން ކުދިންގެ މައްޗަށް ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ ވެސް ކޮށްފައިވެ އެެވެ.

ދައުވާ ލިބޭ ތިން ކުދިންގެ ތެރެއިން ދެ ކުދިން ވަނީ ކުށަށް އިއުތިރާފުވެ ދައުލަތާ އެކު ޑައިވާޝަން ފުރުސަތަށް އެދި ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ޑައިވާޝަން އެއްބަސްވުމެއް ހަދާފަ އެވެ.

މަރާމާރީ ހިންގާ ތޫނު އެއްޗަކުން ހަމަލާ ދިނުމާ ގުޅިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ޒަޔާން މަރުވީ މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހުގެ ރެ އެވެ.