ހަބަރު

ފިޝަރީޒް އިން ދޫކުރި ރަށްތަކަށް ފައިސާ ނުލިބުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ދަނޑުވެރިކަން ކުރުމަށް ފިޝަރީޒް މިނިސްޓްރީ އިން 2011 ގެ ނިޔަލަށް ކުއްޔަށް ދޫކޮށްފައި ހުރި ރަށްތަކުން ކޮރަޕްޝަންގެ އަމަލެއް ހިނގާފައި ނުވާ ކަމަށް އެންޓިކަރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީ އިނ މިހެން ބުނީ ފިޝަރީޒް އެމިނިސްޓްރީ އިން ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާ ނުދޭ ކަމަށް އެ މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަ ތަހުގީގު ކުރުމަށް ފަހު މިއަދު ނެރުނު ރިޕޯޓެއް ގައެވެ.

އެ ރިޕޯޓުގައިވާ ގޮތުން ފިޝަރީޒް މިނިސްޓްރީ އިން ދަންޑުވެރިކަމަށް ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްތަކުގެ ވަރުވާ އާއި ކުލީގެ ގޮތުގައި ލިބޭ ފައިސާގެ ހިސާބު އެއްގޮތަކަށް ވެސް އެމިނިސްޓްރީން ލިޔެ ބަލަހައްޓަމުން ނުދާ ކަމަށާއި އެހެންކަމުން ވަރުވާއަށާއި ކުލީގެ ގޮތުގައި ގަވާއިދުން ފައިސާ ދައްކާ ފަރާތްތަކާއި ނުދައްކާ ފަރާތްތައް މިނިސްޓްރީ އިން އެނގެން ނެތް ކަމަށެވެ.

އެހެން ނަމަވެސް ނަމަވެސް މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީގެ ހިސާބުތަކުން ދައްކާގޮތުން 26 ޑިސެމްބަރ 2011 ގެ ނިޔަލަށް މިނިސްޓްރީ އިން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން 13 ރަށަކުން ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 54,110,331.00 ރުފިޔާ ދައުލަތަށް ލިބެންޖެހި، ނުލިބި ވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށް އެރިޕޯޓުގައި ބުނެއެވެ.

އެގޮތުން މި މައްސަލާގެ ތަހުގީގުން ފާހަގަކުރެވުނު ކަންތަކަށް އަލިއަޅުވާލައި ރިޕޯޓުގައި ބުނެފައި ވަނީ މި 13 ރަށް ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކުން ފައިސާ ނުދައްކާ ހުރުމުގެ ސަބަބުން ފިޝަރީސް މިނިސްޓްރީ އިން ތަކުރާރުކޮށް އެފައިސާ ދެއްކުމަށް ސިޓީ ފޮނުވާފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެބް ކުއްޔާއި ޖޫރިމަނާ ނުދައްކާކަމަށް ފާހަގަކޮށްފައިވާ 13 ރަށުގެ ތެރެއިން 08 ރަށާ ގުޅޭ މައްސަލަ ކޯޓަށް ހުށަހަޅާފަވާތީ ކަމަށެވެ.

"..ކުލި ދައްކަމުން ނުދާކަމަށް މިމައްސަލާގައި ފާހަގަކޮށްފައިވާ 13 ރަށާ ގުޅިގެންވެސް އެރަށްރަށުން ދައުލަތަކަށް ދައްކަންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ދައުލަތުގެ ފަރާތުން ކުރަމުންގެންދާކަން ފާހަގަކުރެވޭ،" ރިޕޯޓުގައި ބުނެ އެވެ.

އެހެން ކަމުން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ނުދައްކާ އޮތް އޮތުމަކީ، އެފަރާތްތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުންކަމަށް ބެލެވެން ނެތުމާއެކު މިކަމުގައި އެއްވެސް ފަރާތަކުން ނާޖާއިޒު ފައިދާއެއް ހޯދާފައިވާކަމަށް ނުބެލެވޭތީ ކޮރޮޕްޝަންގެ އަމަލެއްނެތް ކަމަށް އޭސީސީ އިން ނިންމެވި ކަމަށް ރިޕޯޓުގައި ބުނެ އެވެ.