ހަބަރު

ޒުވާނަކަށް ކަތިވަޅިން ހަމަލާދިން މައްސަލައިގައި މީހަކު 10 އަހަރަށް ޖަލަށް

މި މައްސަލާގައި ދައުވާކޮށްފައިވަނީ، ގއ. ދާންދޫ، ފަހުވާދީ ފައްސާން ވަލީދު އާއި ހ. ރޯޒަންޑޭލް ޝައިބާން ޒުފްރަތު އިސްމާއިލް އާއި ގދ. ގައްދޫ، ދަނބުފަށުއިގެ އުލްޔާން އަހުމަދާއި ހ. ސައިބާން އަލީ ރިފާންގެ މައްޗަށެވެ. ދައުލަތުން ކުރި ޓެރަރިޒަމް ދައުވާ ޝަރީއަތުން ބެލިއިރު 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު 15:00 އެހާކަށްހާއިރު ސ. ހިތަދޫ، ދޮންފަންބަގީޗާގެ އަލީ އަޝްކަރު އަހުމަދާއި އިތުރު ކުއްޖަކު ބިލަބޮންގ ހައި އީޕީއެސް އިންޓަނެޝަނަލް ސްކޫލް ދޮރުމަތީ ހުއްޓާ، އަލީ އަޝްކަރާ މެދު މާރާމާރީ ހިންގާފައިވާ ނުވާނެ ކަމަށް ބުނެ ދައުލަތުން އުފުލި ދައުވާއަށް ފައްސާން އާއި ޝައިބާން އަދި އުލްޔާން އިންކާރުކޮށްފައިވާ ކަމަށް ހުކުމްގައިވެ އެވެ.

"މި ދައުވާ ފައްސާން ވަލީދުއާއި ޝައިބާން ޒުލްރަތު އިސްމާއިލްއާއި އުލްޔާން އަހުމަދުގެ މައްޗަށް ޝަރީއަތަށް ސާބިތުވާވަރުގެ ކާފީ ހެކި ދައުލަތުން ހުށަހެޅިފައިނުވާތީ، ފައްސާން، ޝައިބާން އަދި އުލްޔާންގެ މައްޗަށް ދައުލަތުން ކުޅަ ޓެރަރިޒަމްގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް ކަނަޑައަޅަން،" ހުކުމްގައިވެއެވެ.

މިއަދު ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވާ ގޮތުން މި މައްސަލާގައި ދައުވާ ލިބޭ އަލީ ރިފާން، އަނިޔާ ލިބުނު އަލީ އަޝްކަރުއާމެދު މާރާމާރީ ހިންގާފައިވާ ކަމަށާއި ހާދިސާ ހިނގިތަނުން އަލީ ރިފާން ހިފެހެއްޓިފައިވާކަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

"އަލީ ރިފާން ލައިގެންހުރި ޓީޝާޓް (އަތް ދިގު)އިން ލިބުނު ޑީއެންއޭ ޕްރޮފައިލް ސ.ހިތަދޫ ދޮންފަތްބަގީޗާގެ އަލީ އަޝްކަރު އަހުމަދު ރެފަރެންސް ޑީއެންއޭ ޕްރޮފައިލްއާ ދިމާވާކަން، މި މައްސަލާގައި ހިމެނޭ ޑީއެންއޭ ތަހުލީލަށް ރިޕޯޓަށް ބެލުމުން އެނގެން އޮންނާތީ ގާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު)ގެ 2 ވަނަ މާއްދާގެ (ހ)ގެ ދަށުން ޓެރަރިޒަމްގެ ކުށުން އަލީ ރިފާން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅި މި ކުށުގެ އުގޫބާތެއްގެ ގޮތުން ބެނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (ށ)ގެ ދަށުން މާލެ ހ. ސައިބާން އަލީ ރިފާން 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށް މި ޤަޟިއްޔާ ނިންމީއެވެ." ކްރިމިނަލް ކޯޓުން ކުރި ހުކުމްގައިވެއެވެ.