މޯލްޑިވްސް ވޯޓަރ އެންޑް ސަވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ތިނަދޫއަށް ފަސް ލީޓަރު 1300 ފެން ކޭސް ހަދިޔާކޮށްފި އެވެ.
ތިނަދޫ އިންޖީނުގޭގައި ރޯވެ ރައްޔިތުން ހާލުގައި ޖެހުމުގެ ސަބަބުން އެތައް ކުންފުންޏަކުންނާއި ކައިރި ރަށްތަކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެމްޑަބްލިއުއެސްސީ އިން ވެސް މިއަދު ވަނީ ފަސް ލީޓަރުގެ 1300 ފެންކޭސް އެރަށަށް ހަދިޔާކޮށްފަ އެވެ.
މިކަމަށް ފެން ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ވިދާޅުވީ ތިނަދޫ ރައްޔިތުންނަށް ދިމާވެގެން އުޅޭ ހާލަތަށް އެހީތެރިވުމަށްޓަކައި އެރަށުގައި ފެން އުފެއްދުމަށް މަސައްކަތް ފަށާފައިވާނެ ކަމަށާއި މީގެ އިތުރުން ކޮންމެ ގޭބީސީ އަކަށް ފަސް ލީޓަރުގެ ފެންކޭހެއް ހަދިޔާ ކުރަން ނިންމައިފައިވާ ކަމަށެވެ.
"މިހާރު މި ފޮނުވަނީ 1300 ފެންކޭސް.1280 ވަރަކަށް ގޭބީސީ އިންނަ އިރު ކޮންމެ ތަނަކަށް ފަސް ލީޓަރުގެ ހަތަރު ފުޅި ލިބޭނެ. މިހާރު އެ ފެންކޭސްތައް ވަނީ ލޯޑުކޮށްފައިވާނެ ކަމަށާއި އަދި މާދަމާ ތިނަދޫއަށް ފޯރާނެ،" ފަޒުލް ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީ މި ފެންކޭސްތައް މިއަދު ހަދިޔާކޮށްފައިވާ އިރު ދާދި ފަހުން އެކުންފުނިން ވަނީ އެއް މެގަވޯޓްގެ ޖެނަރޭޓަރެއް ވެސް ތިނަދޫއަށް ހަދިޔާކޮށްފަ އެވެ. އަދި މީގެ އިތުރުން އެރަށުގައި ފެން ޕަމްޕު ކުރުމުގެ މަސައްކަތް ވެސް އެމްޑަބްލިއުއެސްސީ އިން އަންނަނީ ކުރަމުން ނެވެ.
ތިނަދޫއަށް ވަގުތީ ހައްލު ވީހާވެސް އަވަހަކަށް އަންނާނެ ކަމަށް ފެނަކަ ކޯޕަރޭޝަން އިން ބުނެފައިވާ އިރު އެރަށުގެ ހާލަތު މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ. އެހެން ނަމަވެސް މި ހާދިސާއާ ގުޅިގެން 22 މިލިއަން ރުފިޔާއާ ގާތް ކުރާ އަދަދެއްގެ ގެއްލުމެއް ލިބިފައިވާ ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.