އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީން ލެބް އިކުއިޕްމެންޓް ކެލިބްރޭޝަންގެ ހިދުމަތް ތައާރަފްކޮށްފި

މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ލެބް އިކުއިޕްމެންޓް ކެލިބްރޭޝަންގެ ހިދުމަތް ތައާރަފްކޮށްފި އެވެ.

އެމްޑަބްލިޔުއެސްސީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ތައާރަފް ކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އެވެ. މި ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް އާއި ބޯޑް ޑިރެކްޓަރުންގެ އިތުރުން އެ ކުންފުނީގެ މެނޭޖްމަންޓް އާއި މުވައްޒަފުން ބައިވެރިވި އެވެ.

މި ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވީ އަލަށް ތައާރަފު ކުރި ލެބޯޓަރީ އިކުއިޕްމަންޓް ކެލިބަރޭޓިންގް ވަސީލަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޔުޓިލިޓީ ހިދުމަތްތައް ދެމުންދާ ކުންފުނިތަކުން ފޯރުކޮށްދޭ ފެނާއި ނަރުދަމާ ހިދުމަތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މުހިންމު ވަސީލަތެއް ކަމުގައެވެ. މި ވަސީލަތް މެދުވެރިކޮށް ހަދާ ޓެސްޓުތަކުން ލިބޭ ނަތީޖާއާއި މެދު އޮންނަ ޔަގީންކަން ވެސް އިތުރުވެގެން ދާނެ ކަމަށް ޝާހް ވިދާޅުވި އެވެ.

"މި ހިދުމަތުގެ ސަބަބުން ބައިނަލްއަގުވާމީ ގޮތުން ލެބް އިކުއިޕްމެންޓްތަކުގައި ކޮންމެހެން ހުރުން ލާޒިމްކުރާ މިންގަނޑުތަކާއި އެއްގޮތަށް އިކުއިޕްމެނަޓްތައް ދަމަހައްޓާ މި އިކުއިޕްމަންޓްތައް މެދުވެރިކޮށް ހަދާ ޓެސްޓްތަކުން ލިބޭ ނަތީޖާއާއި މެދުގައި އޮންނަ ޔަގީންކަން އިތުރުވެގެންދާނެ،" ޝާހް ފާހަގަކުރެއްވި އެވެ.

އެމްޑަބްލިޔުއެސްސީން މި ހިދުމަތް ފޯރުކޮށްދެނީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ދިވެހި މުއައްޒަފުން މެދުވެރިކޮށެވެ. މި ހިދުމަތް ފަސޭހަކަމާއިއެކު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ހިދުމަތް ފޯރުކޮށްދޭ ވަސީލަތްތަކާއި ޕެރެމީޓާސްތަކުގެ ތެރެއިން ކަސްޓަމަރު ބޭނުންވާ ގޮތަށް ޕެކޭޖް ތައްޔާރުކުރެވޭނެ އެވެ.

އެމްޑަބްލިއުއެސްސީގެ ޝޯރޫމަށް ޒިޔާރަތްކޮށްގެންނާއި އެ ކުންފުނީގެ ޝޯރޫމްގެ ހޮޓަލްއިނަށް ގުޅައިގެން ލެބް އިކުއިޕްމަންޓް ކެލިބްރޭޝަން ހިދުމަތަށް ހޯދޭނެ އެވެ. މީގެ އިތުރުން ބޭނުންވާ މައުލޫމާތު އެ ކުންފުނީގެ މެއިލްއަށް ހިއްސާކޮށްގެން ވެސް ކުރިޔަށްގެންދެވޭނެ އެވެ.