އަހުމަދު ސިޔާމް މުހައްމަދު

ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުމަށް ސިޔާމު ނިންމަވައިފި

Feb 22, 2023

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުމަށާއި އިންތިހާބުގައި ވާދަކުރާ ބަޔަކާ އެކު ކޯލިޝަނެއްް ހެދުމަށް އެމްޑީއޭގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމު މުހައްމަދު ނިންމަވައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އެމްޑީއޭގެ އޮފިޝަލަކު ވިދާޅުވީ އެ ޕާޓީން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމަށް ޕާޓީގެ ރައީސް އަހްމަދު ސިޔާމު މުހައްމަދު ބަޔާނެއް ހުށަހެޅުއްވި ކަމަށެވެ.

ސިޔާމުގެ ބަޔާނުގައި ގައުމުގެ ހާލަތު އޮތް ގޮތުން މަސްލަހަތަށް އިސްކަންދިނުމަށްޓަކައި އޭނާ ފަހަތަށް ޖެހިވަޑައިގަތުމަށްފަހު އިންތިހާބުގައި ވާދަކުރާ ޕާޓީއަކާ އެކު ކޯލިޝަން ހެދުމަށް ހުށަހެޅުއްވި ކަމަށެވެ.

"ސިޔާމު ވިދާޅުވީ މިއީ އޭނާ އިންތިހާބުގައި ވާދަކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯލިޝަނެއް ހެދުމަށް ސިޔާމު ހުށަހެޅުއްވި ނަމަވެސް އެކަމުގައި އަދި ވަކި ގޮތެއް ޕާޓީން ނިންމާފައި ނުވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުމަށް ސިޔާމު ނިންމަވާފައި މިވަނީ މިމަހުގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މަޝްވަރާކުރެއްވި ފަހުންނެވެ. މިބައްދަލުވުމުގެ މައުލޫމާތު ރައީސް ސޯލިހް ވެސް އަދި ސިޔާމު ވެސް މިއަދާ ހަމައަށްވެސް ހިއްސާކުރައްވާފައެއް ނުވެ އެވެ.

ސިޔާމު ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނާ އެކު ކޯލިޝަނެއް ހައްދަވައިގެން މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ސިޔާމު ވަނީ ޔާމީނާ އެކު ކޯލިޝަން ހެދުމަށް ދެކޮޅު ހައްދަވާފަ އެވެ.