ހަބަރު

ދިވެހި ފުލުހުން ތަރައްގީ ކުރަން އެހީތެރިވާނަން: ސައުދީ ޕްރިންސް

ރާއްޖޭ ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ އުމްރާނީ ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން، ސައުދީގެ އަރަބިއްޔާގެ ޕްރިންސް ޢަބްދުލްއަޒީޒް ބިން ޠަލާލް ބިން ޢަބްދުލްއަޒީޒް އަލްސައުދު ދެއްވައިފި އެވެ.

ސައުދީގެ ޕްރިންސް އެކަމަށް ޔަގީންކަން ދެއްވީ މިއަދު ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފްގެ އަރިހަށް އެމަނިކުފާނު ކުރެއްވި އިހްތިރާމުގެ ޒިޔާރާތުގަ އެވެ.

ފުލުހުން ބުނީ މިއަދު ބޭއްވި މި ބައްދަލުވުމުގައި އަރީފް ވަނީ ރާއްޖޭގައި ފުލުހުންގެ ހިދުމަތް ދެމުންދާ ގޮތާއި ފުލުހުންގެ މުއައްސަސާގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ބެހޭގޮތުންނާއި ރާއްޖޭގައި ފުލުހުންގެ ހިދުމަތް ދިނުމަށް ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން ޕްރިންސްއާ މައުލޫމާތު ހިއްސާކުރައްވާފައި ކަމަށެވެ.

ސައުދީ ޕްރިންސް ވަނީ ރާއްޖޭގައި ފުލުހުންގެ ހިދުމަތް ތަރައްގީ ކުރެވިފައިވާ މިންވަރާއި ފުލުހުންގެ ހިދުމަތްތަކަށް ތައުރީފްކުރައްވައި، އެކަމަށް އެހީތެރިވާނެ ކަމުގެ ޔަގީން ކަން ދެއްވާފައި ކަމަށް ފުލުހުން ބުންޏެވެ.