ހަބަރު

ސީމެގުން ރާއްޖޭގެ ހާލަތު ބެލުމުން ނަޝީދުގެ ދޮގުތައް ފަޅާއަރާނެ: ހަލީލް

ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ޓީމުން ރާއްޖޭގެ ހާލަތު ބެއްލެވުމުން ނަޝީދު ހައްދަވަނީ އިތުރުފުޅެއްކަން ދުނިޔެއަށް ސާބިތު ވެގެން ދާނެ ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.

މިރޭ ޗެނަލް 13ގެ ނިއުސް ޓޯކް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވީ ރައީސް ނަޝީދާއި އެމަނިކުފާނާއި އެކު މަސައްކަތް ކުރައްވާ ބޭފުޅުން ރާއްޖޭގެ އިގްތިސޯދު ހަލާކު ކޮށްލުމަށްޓަކައި އެތައް މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށާއި އަދި ދަތި ކުރުމުގެ ފިޔަވަޅުތައް ރާއްޖެއައި މެދު އަޅައި މުއައްސަސާތަކުގެ އަގު ވައްޓާ ލުމަށް އެތައް މަސައްކަތް ކުރައްވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އެހެން ނަމަވެސް ބޭރުގެ ފަރާތްތަކުން ރާއްޖެއައިސް ކަންތައްތައް ބެލުން މުހިންމު ކަމަށް ވިދާޅުވި އެވެ. އަދި ދާދި އަވަހަށް ރާއްޖެ އަންނަން ހަމަޖެހިަފއިވާ ސީމެގްގެ ޓީމުން ރާއްޖެ އައިސް ހާލަތު ބެލުމުން ނަޝީދު ހައްދަވަނީ އިތުރުފުޅެއް ކަން ދުނިޔެއަށް ހާމަ ވެގެންދާނެ ކަމަށް ހަލީލް ވިދާޅުވި އެވެ.

"ސީމެގަށް ރާއްޖެއަށް އައުމަށް ސަރުކާރުން ދައުވަތު ދެއްވުމަކީ ކުރެއްވި މިފަދަ ކަންތައްތަކުގެ ހަގީގަތްތަށް ހޯދުމަށްޓަކައި ސަރުކާރުން ކުރެއްވި މުހިންމު މަސައްކަތެއް. މީގެން ހަގީގަތްތައް ވަރަށް ރަނގަޅަށް ފެނިގެންދާނެ. ނަޝީދު މި ހައްދަވަނީ އިތުރު ފުޅުކަން ރައްޔިތުންނަށް ސާބިތުވާ ފަދައިން ބޭރުގެ ގައުމު ތަކަށް ވެސް ސާބިތު ވާނެ،" ހަލީލް ވިދާޅުވި އެވެ.

ސީމެގަކީ ކޮމަންވެލްތްގެ ގައުމުތަކުގައި އެ ގްރޫޕްގެ އުސޫލުތަކާ ހިލާފަށް ހިނގާ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް ލަފާދޭ ގްރޫޕޭކެވެ. ސީމެގްގެ އެޖެންޑާގައި ގައުމެއް ހިމަނައިފި ނަމަ އެ ގައުމެއް އެ ގްރޫޕްގެ ބައްދަލުވުންތަކުން ސަސްޕެންޑް ކޮށް، އެ ގައުމެއްގެ ހާލަތު ބަލައި ފިޔަވަޅު އަޅަ އެވެ. ރައީސް މުހައްމަދު ނަޝިދުގެ މައްޗަށް ހުކުމް ކުރި މައްސަލައިގައި ރާއްޖެ ސީމެގްގެ އެޖެންޑާގައި ހިމެނުމަށް މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވެ އެވެ.