މާލޭ ސިޓީ ކައުންސިލް

ފަންނުވެރި ޒުވާނުން އުފައްދަން "ފަންނުވެރިޔާ" ފަށަނީ

Feb 25, 2023

ވަޒީފާ ނެތިފައި ތިބި ޒުވާނުންނަށް އާމްދަނީ ހޯދޭނެ މަސައްކަތެއް ދަސްކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "ފަންނުވެރިޔާ" ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ޕްރޮގްރާމަކީ މާލެ ސިޓީ ކައުންސިލްގެ ފަސް އަހަރުގެ އެކްޝަން ޕްލޭންގައި ހިމެނޭ ޕްރޮގްރާމެކެވެ.

ފެސްޓިވޯ އިންސްޓިޓިއުޓްއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

މީގެ ފުރަތަމަ ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް އޮތް މާޗް މަހުގެ އަށްވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.

އެއްމަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ނުނަގާނެ އެވެ. އަދި ޕްރޮގްރާމުގައި ބައިވެރިން ހޭދަކުރާ މުއްދަތުގައި ބޭނުންވާ ތަކެތި ވެސްް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލުންނެވެ.

އަންނަ މަހު ފަށާ މި ޕްރޮގްރާމާ ގުޅޭގޮތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމުގެ އިތުރަށް ޒުވާނުންނަށް އާމްދަނީ ހޯދޭނެ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ.

އަންނަ މަހު ފަށާ މި ޕްރޮގްރާމުގައި މާލޭގެ ހުރިހާ އަވަށަކުން ވެސް ޒުވާނުން ބައިވެރިކުރަން މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.