ކުޅިވަރު

ފިރިހެން ވޮލީ ޓީމް ސެމީގައި މެލޭޝިއާއާ ދެކޮޅަށް

މިހާރު ކުރިއަށްދާ ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ރޭ އަފްގާނިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވެ ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ސެމީ ފައިނަލުގައި މެލޭޝިއާއާ ވާދަކުރަން ޖެހިއްޖެ އެވެ.

ލީގު ބުރުގެ ކުޅުން ނިމުނުއިރު ތިން މެޗުން މޮޅުވެ އެއްވަނަ ހޯދީ އަފްގާނިސްތާނެވެ. ދެވަނަ ލިބުނީ ރާއްޖެ އަށެވެ. ތިންވަނަ މެލޭޝިއާ އަށް ލިބުނުއިރު ފުލަށް ދިޔައީ ތިން މެޗުން ބަލިވި ސިންގަޕޫރެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އަފްގާނިސްތާން ނުކުންނާނީ މިއަދު މެންދުރު ފަހު އެވެ. އޭގެފަހުން ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރާއްޖެ މެލޭޝިއާއާ ވާދަކުރާ މެޗު ކުޅޭނީ މިރެ އެވެ.

ރޭ އަފްގާނިސްތާން އަތުން ރާއްޖެ ބަލިވީ 26-24. 25-21 އަދި 25-22 އިންނެވެ.

ދިވެހި ސަޕޯޓަރުންނާއި އެކު ފުރިފައި އޮތް ސޯޝަލް ސެންޓަރުގައި ކުޅުނު މެޗުގެ ފުރަތަމަ ސެޓުގައި ދިވެހި ޓީމުން މޮޅު ކުޅުމެއް ދެއްކި އެވެ. މި ސެޓުގެ އެންމެ ފަހު ވަގުތާ ހަމައަށް ދިވެހި ޓީމު ލީޑުގައި ހިފެހެއްޓި އެވެ. އެކަމަކު ސެޓު ނިންމާލަން ލިބުނު ފުރުސަތުގެ ބޭނުންހިފީ އަފްގާނިސްތާނެވެ.

ދެވަނަ ސެޓުގައި ވެސް އެންމެ ފުރަތަމަ ލީޑު ނެގީ ރާއްޖެ އިންނެވެ. އެކަމަކު މެދަކާ ހަމައިން އަފްގާނިސްތާނުން ލީޑު އަލުން ހޯދައި ސެޓު ކާމިޔާބުކުރި އެވެ. މި ސެޓު ރާއްޖެ އަށް ގެއްލުނީ ފަހު ވަގުތު ގޯސްތަކެއް ހެދިގެންނެވެ.

ފަހު ސެޓުގައި ބަދަލުތަކަކާ އެކު ނުކުމެ ރާއްޖެ އިން ރަނގަޅު ކުޅުމެއް ދެއްކި އެވެ. މި ސެޓު 21-21 އިން އެއްވަރުވެފައި ވަނިކޮށް އަފްގާނިސްތާނުން ވަނީ ފަހު ވަގުތު ނަތީޖާ އެޓީމު ކޮޅަށް އަނބުރާލާފަ އެވެ.

ލީގު ބުރުގައި އިއްޔެ މެލޭޝިއާ އިން ވަނީ ސިންގަޕޫރާ ވާދަކޮށް 3-1 އިން މޮޅުވެފަ އެވެ.

ފޯ ނޭޝަންސް ކަޕްގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ މިއަދު އެވެ. މިއަދު މެންދުރު ފަހު 14:30 ގައި ކުޅޭ ފިރިހެން ސެމީ ފައިނަލުގައި ވާދަކުރާނީ އަފްގާނިސްތާނާއި ސިންގަޕޫރެވެ. ރާއްޖެ އާއި މެލޭޝިއާ ވާދަކުރާ ސެމީ ފައިނަލް މެޗު ފަށާނީ ރޭގަނޑު 8:30 ގަ އެވެ. ލީގު ބުރުގައި ރާއްޖެ ވަނީ މެލޭޝިއާ އަތުން ބަލިވެފަ އެވެ.

އަންހެން ސެމީ ފައިނަލް ވެސް މިއަދު ކުޅޭނެ އެވެ. މި މެޗުގައި ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމް ނުކުންނާނީ މެލޭޝިއާއާ ދެކޮޅަށެވެ. އަންހެން ސެމީ މެޗު ފަށާނީ މިއަދު 4:30 ގަ އެވެ.