މާލޭ ސިޓީ ކައުންސިލް

ބައެއް ހިދުމަތްތަކުގެ ފީ ކުޑަކުރަން ސިޓީ ކައުންސިލުން ނިންމައިފި

Feb 26, 2023

ބައެއް ހިދުމަތްތަކުން ނަގާ ފީ ކުޑަކުރުމަށް މާލޭސިޓީ ކައުންސިލްގެ މުނިސިޕަލް ސާވިސަސް ކޮމިޓީން ނިންމައިފި އެވެ.

އެގޮތުން ނިންމާފައިވަނީ މާލެއާއި ވިލިމާލޭގެ ފަޅުތަކާއި ބަނދަރުތައް ބޭނުން ކުރުމާއި، އެތަންތަނުން އުޅަނދުފަހަރަށް ފައްތިޔާ އަދި ފަޅުހުއްދަ ފީނެގުމުގެ އިތުރުން މާލޭގެ މަގުމަތީގައި މަސައްކަތް ކުރުމަށް ދޫކުރާ ބޯޑުތަކުގެ އަގު ހެޔޮކުރުމަށެވެ.

އަގުތަކަށް އައިބަދަލާއި އެކު އަގު ލިސްޓެއް މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ ގެޒެޓްކޮށްފަ އެވެ.

ފީ ތަކަށް ގެނެވުނު ބަދަލާއިއެކު ގެޒެޓް ކުރެވިފައިވާ އިއުލާނާއި އެއްގޮތަށް މާލެއާއި ވިލިމާލެ ފަޅުން އުޅަނދު ފަހަރަށް ފައްތިޔާ، ފަޅުހުއްދަ އަދި މާލޭގެ މަގުމަތީގައި މަސައްކަތް ކުރުމަށް ދޫކުރާ ބޯޑު ތަކުގެ އަގު ލިސްޓަށް މިއަދުން ފެށިގެން އ2ަމަލުކުރަމުންދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.

މާލެ ސިޓީ ކައުންސިލުން ބައެއް ހިދުމަތްތަކުގެ އަގު ހެޔޮކޮށްފައި މިވަނީ ސިޓީ ކައުންސިލުން އެކުލަވާފައިވާ ދެ އުސޫލެއް ބާތިލުކުރަން ސްޓެލްކޯ އިން ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެއް ކޯޓަށް ބަލައިގެންފައި ވަނިކޮށެވެ.

ސްޓެލްކޯ އިން ކޯޓަށް ހުށަހެޅީ މާލެ ސިޓީގެ މަގުމަތީގައި މަގުބަންދު ނުކޮށް އަދި މަގުބަންދު ކޮށްގެން މަސައްކަތްކުރުމާ ބެހޭ އުސޫލާއި، މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން އާންމުކޮށް މަސައްކަތް ކުރުމުގެ އުސޫލު ބާތިލުކުރުމަށެވެ.