ރައްޔިތުންގެ މަޖިލިސް

މަޖިލީހަކީ އެންމެ ބޮޑު ހަރުގެ: ނަޝީދު

ރައްޔިތުންގެ މަޖިލީހަކީ އެންމެ ބޮޑު ހަރުގެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައުމުގެ ގަރާރުގެ ބަހުސްގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ދައުރު މަޖިލީހުގައި އޮންނަ ކަމަށެވެ.

ބަހުސްގައި އަބްދުﷲ ޖާބިރު ވިދާޅުވީ އެމްޑީޕީގެ ހަރުގެއެއްގެ ގޮތުގައި މަޖިލިސް ހިންގަމުންދާތަން ފެންނަ ކަމަށެވެ. އެކަން ދޫކޮށްލުމަށްފަހު ރައްޔިތުންގެ މަޖިލިސް ހިންގުމަށް ޖާބިރު ގޮވާލެއްވި އެވެ.

"މި މަޖިލީހަކީ ސިޔާސީ ޕާޓީތަކުގެ ހަރުގެއެއް ނޫން ގޮތުގައި ދެކުން އެއީ ރަނގަޅު ކަމެއް ނޫން. މިއަށްވުރެ، މިއަށްވުރެ ބޮޑު ސިޔާސީ ހަރުގެއެއް މިރާއްޖެއަކު ނެތް. މިއީ މި ދިވެހިރާއްޖޭގެ ސިޔާސީ ހަރަކާތުގެ ނާރެސް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގައި ސިޔާސީ ވާހަކަ ދައްކާނެ ކަމަށާއި ސިޔާސީ އެއްބަސްވުންތަކާއި ދެބަސްވުންތަކުގެ އިތުރުން ސިޔާސީ ޒުވާބުވެސް މަޖިލީހުގައި ހިނގާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ޕާޓީގެ ތެރޭގެ ކަންކަންވެސް ބައެއް މެންބަރުން މަޖިލީހުގައި ހިއްސާކުރައްވާ ކަމަށާއި ރައްޔިތުން އެކަން ކަމަށް އެދި ތިބޭ ކަމަށެވެ.