މޯލްޑިވިއަން އައިޑޮލް

މޯލްޑިވިއަން އައިޑޮލް ބަލަން މިރޭ ވެސް އެންމެން ގެއަށް!

މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ދެ ޝޯއިން ހުނަރުވެރި ގިނަ ކުދިންތަކެއް ފެނިފައިވާއިރު މިރޭ ދައްކާ މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަން އެޕިސޯޑުން ވެސް ހުންނަރުވެރި ކުދިންތަކެއް ފެންނާނެކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. މިރޭ އޮތީ ރާއްޖޭގެ ދެ ވަނަ ސިޓީ ކަމުގައިވާ އައްޑޫ ސިޓީގެ އޮޑިޝަނެވެ. މާލޭ ސިޓީއަށް މިރޭ ގޮންޖަހާލާނީ އައްޑޫ ސިޓީ އިން ކަމަށް އެހިސާބުގަނޑުގެ މީހުން އެބަބުނެ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ދެ އެޕިސޯޑަށް ބޮޑު ތަރުހީބެއް ރާއްޖެއިން ލިބިގެން ދިޔަ އެވެ. މޯލްޑިވިއަން އައިޑޮލްގެ ޕްރޮޑަކްޝަން ޓީމުން ލަފާކުރި ގޮތުގައި ރާއްޖޭގައި 80 އިންސައްތަ މީހުން ވަނީ އެ އެޕިސޯޑްތައް ބަލާފައެވެ. ދޮގެއް ނޫނެވެ. އެ ދެ ދުވަހު އެ ނޫން ވާހަކައެއް ނުދެކެވެ އެވެ. އެންމެން ވެސް ދެއްކީ ޝޯގެ ވާހަކަ އެވެ. ޝޯއިން ފެނިގެންދިޔަ ހުނަރުވެރި ކުދިންގެ ވާހަކައެވެ. ޝޯގައި ހިނގާ ދިޔަ މަޖާ ކަންތައްތަކުގެ ވާހަކަ އެވެ.

ފުރަތަމަ ދެ އެޕިސޯޑަށް ތައުރީފު އޮހިފައިވާއިރު ދެން ވެސް ތައުރީފު އޮހޭނެ ކަމާމެދު ކުޑަކޮށް ވެސް ޝައްކެއް ނެތެވެ. މިރޭ ތިންވަނަ އެޕިސޯޑް ދައްކާއިރު އެޕިސޯޑް ބަލާލުމަށް ވެސް ގޭގޭގެ ސިޓިން ރޫމްތައް ފުރޭނެ ކަމާމެދު ވެސް ޝައްކެއް ނެތެވެ.

މިރޭގެ އެޕިސޯޑްގައި ވަނީ ކޮން ހާއްސަކަމެއް؟

މިރޭގެ އެޕިސޯޑް ތަފާތުވާނެ އެވެ. މިރޭ ދައްކާނީ މޯލްޑިވިއަން އައިޑޮލްގައި ފުރަތަމަ ކުރި މަސައްކަތްތަކެވެ. މާލޭގެ އޮޑިޝަންތައް ފުރަތަމަ ގެނެސްދިން ނަމަވެސް ފުރަތަމަ ނަގާފައިވަނީ އައްޑޫ އޮޑިޝަންތަކެވެ. ފުރަތަމަ ނެގި އެޕިސޯޑްތައް ކަމަށްވުމުން މި އެޕިސޯޑަށް ކުރަން ޖެހުނު މަސައްކަތް ވެސް ގިނަވާނެ އެވެ. އަދި ކުރި ތަޖުރިބާ ވެސް އާ ވާނެ އެވެ.

މި އެޕިސޯޑަށް ކެމެރާގެ ފުރަގަހުން ތައުރީފު ހައްގު ބުރަ މަސައްކަތްތަކެއް ކޮށްފައިވާއިރު ކެމެރާގެ ކުރިމަތިން ބެލުންތެރިންނާ ހަމައަށް ފެންނަ މަންޒަރުތައް ވެސް ވަކި ދަށެއް ނުވާނެ އެވެ. ހުނަރުވެރި ގިނަ ކުދިންތަކެއް ފެނިގެންދާނެ އެވެ. ރާއްޖޭގެ ދެކުނުގައި ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިފައިނުވާ ގިނަ ކުދިންތަކަކަށް އެ ފުރުސަތު ލިބިގެންދާނެ އެވެ. ފުރުސަތު ބޭނުން ހިފާ އެ ހުނަރުތައް ދައްކާލި ކުދިންގެ އަދަދު ވެސް ގިނަ އެވެ.

މިރޭގެ އެޕިސޯޑުން ވެސް ތިން ޖަޖުންގެ ސަކަރާތް ޖެހުން ފެނިގެންދާނެ އެވެ. ކުރީ އެޕިސޯޑްތަކަށްވުރެ ބޮޑަށް ވެސް ފެނިގެންދާނެ އެވެ. ޖަޖުންގެ މަޖަލުގެ އިތުރުން ބައިވެރިންގެ ވެސް ތަފާތު ކަންތައްތަކާއި ވާހަކަތައް ފެނިގެންދާނެ އެވެ. ހެއްވާލާނެ އެތައް ބައިވެރިންނެއް ފެނިގެންދާނެ އެވެ. ހަމައެހެންމެ މިރޭގެ އެޕިސޯޑުން ރޮއްވާލާނެ ދެ ބައިވެރިޔަކު ފެންނާނެ އެވެ. ހަމަ ގައިމު ވެސް އެ ދެ ބައިވެރިންގެ ވާހަކައިން އެންމެން ރޮއްވާލާނެ އެވެ. ކުރިމަރާލަން ބޭނުންނުވާތީ އެ ވާހަކަ ދެން ބާއްވާނަމެވެ.

އެހެންކަމުން މިރޭ ސިޓިން ރޫމްތައް ފުރާލަން އެބަޖެހެއެވެ. މިރޭ 10:30 އަށް ސިޓިން ރޫމްތަކަށް ޖަމާވާށެވެ. އެ ގަޑީގައި ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ފުރިހަމަ ޝޯގެ ތިން ވަނަ އެޕިސޯޑް ޕީއެސްއެމްގެ ޓީވީއެމްއިން ދައްކާނެއެވެ. މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ އެޕިސޯޑް ބަލާލުމަށް ތައްޔާރުވާށެވެ. މިއީ ނުބަލާ ދޫކޮށްލާ ވަރަށްވުރެ ފުރިހަމަ އެޕިސޯޑެކެވެ.