ގްރީން ޓެކްސް

ގްރީން ފަންޑުގައި 798 މިލިއަން ރުފިޔާ

ގްރީން ޓެކުހުގެ ފައިސާ ޖަމާވާ ގްރީން ފަންޑުގައި މިހާރު ބާކީ ހުރީ 798.8 މިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ޖެނުއަރީ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖެނުއަރީ މަހު ގްރީން ފަންޑަށް ޖަމާވީ 100.7 މިލިއަން ރުފިޔާ އެވެ.

ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކުގެ އިތުރުން ކުނި މެނޭޖުކުރުމުގެ މަޝްރޫއުތަކަށް ގްރީން ފަންޑުން ޖެނުއަރީ މަހު 74.8 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ގްރީން ފަންޑަށް ޖެނުއަރީ މަހު އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ ކ. އަތޮޅުންނެވެ. ކ. އަތޮޅުން ގްރީން ފަންޑަށް 37 މިލިއަން ރުފިޔާ ލިބުނުއިރު އދ. އަތޮޅުން 12.4 މިލިއަން ރުފިޔާ ގްރީން ފަންޑަށް ލިބުނެވެ.

ގްރީން ފަންޑަށް މިއަހަރު އެއް ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. ގްރީން ފަންޑަށް މިދިޔަ އަހަރު 972.9 މިލިއަން ރުފިޔާ ލިބުނެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ.

ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.