ހަބަރު

މަޑުއްވަރީ ރައްޔިތުން ހުޅުމާލެއަށް ބަދަލުވުމުގެ ފުރުސަތު ދެނީ

ރ. މަޑުއްވަރީގައި ބިމުގެ ދަތިކަން ދިމާވެފައިވާތީ، އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހި ތަރައްގީވެގެން ދިޔުމުން އެތަނަށް ބަދަލުވުމުގެ ފުރުސަތު މަޑުއްވަރީގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

މަޑުއްވަރީ ސިއްހީ މަރުކަޒު 24 ގަޑިއިރުގެ ހިދުމަތްދޭ ތަނަކަށް ބަދަލުކުރުމަށް އިއްޔެ އެރަށު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ، މަޑުއްވަރީއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ހައުސިން މިނިސްޓްރީއާއެކު މަޝްވަރާ ކޮށްފައިވާނެ ކަމަށާއި އެކަމަށް ހައްލެއް ގެނައުމަށް މަޑުއްވަރީ ރައްޔިތުންގެ ތެރެއިން ހުޅުމާލެއަށް ބަދަލުވާން ބޭނުންވާ ރައްޔިތުންނަށް އެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީއާ ހަވާލާދީ އަމީތް ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފްލެޓްތައް އަޅާ ނިމުމުން މަޑުއްވަރީއަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

މަޑުއްވަރީއަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް އެދި، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް މީގެކުރިން ރައްޔިތުން ދަންނަވާފައިވެ އެވެ. އެކަމާ ގުޅިގެން ރައީސް ޔާމީން ވިދާޅުވެފައިވަނީ މަޑުއްވަރީއަށް ބިމުގެ ދަތިކަން ދިމާވެފައިވީ ނަމަވެސް އެ ރަށުގެ ބިން ހިއްކުން އުނދަގޫވާނެ ކަމަށާއި ފުރުސަތުތައް ހުރި އެހެން ސަރަހައްދުތަކަށް އެ ރަށުގެ މީހުން ބަދަލު ވުމަށް ސަރުކާރަށް ވެދެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއް ދެއްވާނެ ކަމަށެވެ. އެކަމަށް ރައްޔިތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށް ރައީސް ޔާމީން ވަނީ އޭރު ވިދާޅުވެފަ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހި ތަރައްގީކޮށް، ކުދި ރަށްތަކުގެ ރައްޔިތުން ހުޅުމާލެއަށް ބަދަލުކުރުމަކީ ރައީސް ޔާމީން ގެންގުޅުއްވާ ސިޔާސަތެކެވެ. އެމަނިކުފާނުގެ އަމާޒަކީ ރާއްޖޭގެ 70 އިންސައްތަގެ އާބާދީ މާލޭ ސަރަހައްދަށް ބަދަލުކުރުމެވެ. އެމަނިކުފާނު ވަނީ ޒުވާނުންނަށް ވެސް ހުޅުމާލެއަށް ބަދަލުވުމަށް ގޮވާލައްވާފަ އެވެ.

ރައީސް ޔާމީން ވިދާޅުވާ ގޮތުގައި، ތަރައްގީ ލިބޭނީ، މާލެ ފަދަ ފުރުސަތުތައް އޮތް ސަރަހައްދުތަކަށް ބަދަލުވެގެންނެވެ.