ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ބައި ލައްކަ ރުފިޔާގެ ބޭނުމުގައިލިޓޮން މަރާލީ މޫދަށް ވައްޓާލައިގެން: ދައުވާ

Mar 3, 2023

ގދ، ތިނަދޫ، މަނާރު، މުހައްމަދު ނިޒާމު "ހެދޭކުރި" ކިޔާ ތެޔޮ ބޯޓެއްގައި އޭނާއާ އެކު ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މޮހައްމަދު ލިޓޮން މަރާލީ އޭނާގެ އަތުގައި ހުރި ބައިލައްކަ ރުފިޔާގެ ބޭނުމުގައި މޫދަށް ކޮއްޕާލައިގެން ކަން ހާމަވެއްޖެ އެވެ.

ތެޔޮ ބޯޓެއްގައި މިދިޔަ ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ނިޒާމާއި ލިޓޮން ފުރި ފަހުން މި ދެ މީހުން ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން އެންމެ ފުރަތަމަ ހާމަކުރީ އެ މަހުގެ 30 ވަނަ ދުވަހުގެ ރެ އެވެ.

މި ދެމީހުން ހޯދުމަށް ފުލުހުން މާލެތެރެ ވެސް ބަލަމުން ދަނިކޮށް ނިޒާމު ފެނުނީ މިދިޔަ ޖެނުއަރީ ތިންވަނަ ދުވަހުގެ ވަގުތެއްގައި މާލޭގައި ހުރި ގެސްޓްހައުސްއަކުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. އޭގެ ކުރިން އާންމުންގެ މީހަކު ވަނީ ނިޒާމުއާ އެކު ފޮޓޯއެއް ނަގައި ސޯޝަލް މީޑިއާގައި ވެސް އާންމުކޮށްފަ އެވެ.

ލިޓަންގެ ހަށިގަނޑު އަދިވެސް ފެނިފައިނުވާއިރު މީހެއްގެ ހަށިގަނޑެއް މިދިޔަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު ވަނީ ވ. ވެމްޕަރު ފަޅުން ފެނިފަ އެވެ. ނަމަވެސް އެއީ ލިޓަންގެ ހަށިގަނޑު ނޫންކަން ޑީއެންއޭ އެނަލިސިސްއިން ވަނީ ހާމަވެފަ އެވެ. އެ ހަށިގަނޑު މިހާރު ވަނީ ވަޅުލާފަ އެވެ.

ލިޓޮންގެ މަރުގެ މައްސަލައިގައި ދައުލަތުން ވަނީ ނިޒާމުގެ މައްޗަށް ތިން ދައުވާއެއް އުފުލާފަ އެވެ. އެއީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި ވައްކަންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ޑައިމޯފިނުން މުއާމަލާތުކުރުމުގެ ކުށުގެ ދައުވާ އެވެ. މަރުގެ ދައުވާގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށްލުމާއި ގިސާސް އާއި މަރުގެ ދިޔަ އެވެ. ވައްކަމުގެ މައްސަލައިގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. ޑައިމޯފިނުން މުއާމަލާތުކުރުމުގެ ކުށުގެ ދައުވާގެ އަދަބަކީ 15 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު 25,000 ރުފިޔާއިން ފެށިގެން 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) މިއަދު ވަނީ ނިޒާމުގެ މައްޗަށް އުފުލި ދައުވާތަކާ ގުޅޭ މައުލޫމާތާ އެކު ލިޓޮން މަރާލި ގޮތުގެ ބައެއް މައުލޫމާތުވެސް ހާމަކޮށްފަ އެވެ. އެގޮތުން ޕީޖީ އޮފީހުން ބުނީ ނިޒާމު، ލިޓޮން މަރާލާފައިވަނީ ލިޓޮން އަތުގައި ހުރި ފައިސާތަކެއްގެ ބޭނުމުގައި ކަމަށް ހޯދިފައިވާ ކަމަށާއި ނިޒާމު، ލިޓޮން މަރާލީ އޭނާއަށް ނޭނގި ހުއްޓައި ކ. ގަލުފަޅު ކިޔާ ސަރަހައްދު ކައިރިއަށް މޫދަށް އޭނާ ކޮއްޕާ ވައްޓާލައިގެން ކަމަށެވެ.

މިކަން ހިނގާފައިވަނީ ޑިސެންބަރު 28، 2022 ވަނަ ދުވަހުގެ ރޭ 7:00 އާއި، 8:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށްވެސް ޕީޖީ އޮފީހުން ބުނެ އެވެ. އެ އޮފީހުން ބުނީ ހެދޭކުރި ދޯނީގައި ހުރި ލިޓޮންގެ 51،000 ރުފިޔާ އަށް ވުރެ ގިނަ ފައިސާ، ނިޒާމު ވަގަށް ނަގާފައިވާ ކަމަށެވެ.

ނިޒާމުގެ މައްޗަށް މަސްތުވާތަކެތިން މުއާމަލާތުކުރުމުގެ ދައުވާ ކޮށްފައިވާނީ މި މައްސަލައިގެ ތުހުމަތުގައި ނިޒާމު ކުއްޔަށް ހިފައިގެން އުޅޭ މއ. ޝާދީވިލާ އުތުރުބައިގެ ކޮޓަރިއެއް ފުލުހުން ބަލައި ފާސްކުރިއިރު، ބަރުދަނުގައި ޖުމްލަ 3.2565 ގްރާމް ޑައިމޯފިން ފެނިފައިވާތީ ކަމަށްވެސް ބުނެފައިވެ އެވެ. ނިޒާމު މަސްތުވާތަކެތި ގަނެފައިވަނީ ހެދޭކުރި ދޯނިން ވަގަށް ނެގި ފައިސާއިން ކަމަށްވެސް ދައުވާގައި ތުހުމަތުކޮށްފައިވެ އެވެ.